ރާއްޖެއިން އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ: ގާސިމް އިބްރާހިމް

ރާއްޖޭގެ ބިމާއި، ޖައްވާއި ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ނޫނީ ބަޔަކަށް ދޭކަށް، ގައުމީ ލޭ ހިނގާ އެއްވެސް ދިވެހި ދަރިއަކު ނޭދޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިފަދައިން ވިދާޅުވެފައި މިވަނީ، ޗާގޯސް މައްސަލާގައި ރާއްޖޭން ދޫދިނުމަށް ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން، އެކަމާއި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.
މި މައްސަލައާއި ގުޅިގެން ރާއްޖެއިން އެންމެފަހުން މޮރިޝަސް އާއި އެއްކޮޅަށް ވޯޓުދޭން ނިންމި ނިންމުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެހެން ނިންމި ނިންމުމެއް ކަމަށްބުނެ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޤާސިމް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ އިން ވަކި ކުރިޔަސް، ބައިނަލްއަގްވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް، އިމްތިޔާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ދިވެހިރާއްޖެއާ ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، އޮތް ހަމައެކަނި ޙައްލަކީ އިކުއިޑިސްޓޭންސްގެ އުސޫލް ކަމަށް ދެކި، ބަޔަކު ހަމަ އެދޭ އިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަޙަތު ހުރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
އެއީ އިން ވަކި ކުރަން ހުށަހެޅިފައިވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑުގެ ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާ މިދިޔަ ބައި ގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލްގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު (އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށް ދޭން ހުށަހަޅަފައިވާ) ތަނަކާ ދެމެދު އޮތް ސަރަޙައްދެއްގެ ކަމަށް ވާތީކަމަށް ގާސިމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ، އދގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލު ރާއްޖެއަށް ކްލެއިމް ކުރެވޭނެ ކަމަށާ ދިވެހން އެދެނީ ދިވެހި ސަރުކާރުން، ރާއްޖޭގެ އަންނަން އޮތް ޖީލްތަކުގެ މަސްލަޙަތުގެ ޙިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް އިހުލާސްތެރިކަމާއެކު ކުރާތަން ފެނުން ކަމަށެވެ.
ރާއްޖެއާ މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލާގައި ބޭއްވި ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި، މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ރާއްޖެއިން ނިންމިކަން އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާއިރު، މި މައްސަލައިގައި އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައިވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.
މީގެ ކުރިން ޗާގޯސްގައި ނެގި ވޯޓުތަކުގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް އެރީވެސް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ހިމާޔަތްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުން ލިބޭ ސަރަހައްދު ކަށަވަރުކުރުމަށް ކަމަށް ބުނެއެވެ. މިފަހަރުވެސް ހަމަ އެ ސަބަބަށްޓަކާ ނިންމުން ބަދަލުކޮށްފައިވާއިރު މޮރިޝަސްއާ ރާއްޖެއާ ދެމެދު މައްސަލަ ދިމާވެފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ އިޤްތިޞާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.
މޮރިޝަސް އިން މި މައްސަލަ ހުށަހެޅީ 2010 ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުންނެވެ. އެގޮތުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ހުށައަޅާފައެވެ. މޮރިޝަސް އިން އިއުތިރާޒް ކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިޤްތިޞާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެއެވެ.
މި މައްސަލާގައި ވަކާލާތުކުރައްވަމުން އޭޖީ ވިދާޅުވީ މުޅި މި މައްސަލައަކީވެސް ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައަކަށް ވުރެ ބޮޑަށް ޗާގޯސް މައްސަލައާ ގުޅުންހުރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. އެހެންކަމުން ޗާގޯސް މައްސަލާގައި ރާއްޖެއިން މޮރިޝަސް އާއި އެއްކޮޅަށް ވޯޓުދޭން ނިންމި ނިންމުމާ ގުޅިގެން، ކަނޑުގެ ސަރަހައްދީ އިމުގެ މައްސަލާގައި މޮރިޝަސްއިން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަވެސް އެ ގައުމުން އަނބުރާ ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރިފްއަތު ވިދާޅުވީ މި މައްސަލާގައި ޗާގޯސްގެ އުތުރުން މޮރިޝަސްގެ ސަރަހައްދެއް ކަމަށް ކަނޑައަޅަން އެދިފައިވާ ސަރަހައްދަކީ ރާއްޖޭގެ އިމުން 22،000 ސްކުއެއަރ ކިލޯމީޓަރު ގެއްލޭ ސަރަހައްދެއް ކަމަށެވެ. މޮރިޝަސްގެ މި ދައުވާ އަކީ ކުއްލި ކަމެއް ކަމަށާއި، މީގެ ކުރިން 10 އަހަރު ވެގެން ދިޔަ އިރު ވެސް އެ ގައުމުން އަބަދުވެސް ވަކާލާތު ކުރަމުން އައީ 200 ނޯޓިކަލް މޭލުގެ ސަރަހައްދަކާ ގުޅިގެން ކަމަށް ވިދާޅުވިއެވެ.
އޭޖީ ވިދާޅުވީ އެ މައްސަލައިގައި ޖަވާބުދާރީވާނެ ފުރުސަތެއް ރާއްޖެއަށް ލިބިފައި ނުވާއިރު، މޮރިޝަސްއިން އެކަމުގައި ހުށަހަޅާފައި ވަނީވެސް އެއްވެސް ބުރަދަނެއް ނެތް ހެކިތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ބޭރުގައިވާ ޓެކްނިކަލް އެތައް ކަމަކަށް ރާއްޖެއިން ދިރާސާކޮށް ބަލަން މަޖުބޫރުވި ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް މި މައްސަލާގައި ވަކާލާތުކުރުމަށް ދަތިތަކާ ކުރިމަތިވިކަންވެސް ރިފްއަތު ފާހަގަކުރެއްވިއެވެ.
އޭޖީ އޮފީހުން ބުނީ ޗާގޯސް ޑީ-ކޮލޮނައިޒޭޝަން މައްސަލާގައި ރާއްޖޭން ވަކިގޮތަކަށް ވޯޓުލުމަކީ އިޓްލޮސްގައި ކުރިޔަށްދާ ބޯޑަރު ކަނޑައެޅުމުގެ މައްސަލައަށް އަސަރުކުރާނެ ނިންމުމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ