ބަޖެޓުން ފެންނަނީ ރައްޔިތުންގެ ބޮލުގައި ބަދުނާމެއް އެޅުވޭ މަންޒަރު: މެމްބަރު އާމިރު

ދައުލަތަށް ޢާއްމުދަނީ ލިބޭނެ އެތައްގޮތްތަކެއް ހުރިނަމަވެސް ރައްޔިތުންގެ އަތުން ޓެކްސް ބޮޑުކޮށްގެން ޢާއްމުދަނީ އިތުރުކުރަން ނިންމުމުން މިބަޖެޓުން ފެންނަނީ ރައްޔިތުންގެ ބޮލުގައި ބޮޑު ބަދުނާމެއް އެޅުވޭ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާޢިރާގެ އެމްޑީއޭ މެމްބަރު އަޙުމަދު ޢާމިރު ވިދާޅުވެއްޖެއެވެ.
ޢާމިރު މިހެން ވިދާޅުވީ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް މިއަދު ބަހުސްކުރައްވަމުންނެވެ.
ކޮންމެ ފަހަރު ޓެކްސް ބޮޑުކުރުމަކީ ޙައްލެއް ނޫންކަމަށް ވިދާޅުވެ އާމިރު ވަނީ ޓެކްސް ނުނަގައި އާއްމުދަނީ ބޮޑު ނުކުރެވޭނެކަމަށް ވިދާޅުވާ ބޭފުޅުންނަށް މިސާލުތަކެއްވެސް ދައްކަވާފައެވެ.
އެގޮތުން ބަޖެޓް މަޢުލޫމާތު 6 ގައި ބޯހިޔާވަހިކަމުގެ ވާހަކަ ދައްކާއިރު މިހާތަނަށް ރާއްޖޭގައި ވެރިކަންކުރި ސަރުކާރުތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިޚްލާސްތެރި މަސައްކަތެއް ނުކުރާކަމަށް ޢާމިރު ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގައި އިޚްލާސްތެރި ނިޔަތެއް އޮތްނަމަ ފްލެޓްތަށް ނާޅާ ރަށްރަށުގައި ހުރި ގޯތިތަކުގައި ރައްޔިތުންނަށް ގެ އަޅައި ދިނުމުގެ ފަސޭހަ އުޞޫލެއް ޤާއިމްކޮށްދެވެންވާނެ ކަމަށާއި ލޯނު އިންޓަރެސްޓް ކުޑަކޮށްގެން އެކަންކުރެވޭނެ ގޮތްތަށް ބައިވަރު އެބަހުރި ކަމަށް ޢާމިރު ވިދާޅުވިއެވެ.
ޢާމިރު ވިދާޅުވީ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބަޖެޓް ފާސްކުރެވިގެންދާ ކަމާއިމެދު ސުވާލު އުފައްދަވައި، އެމްއެމްއޭއިންވެސް އެ ނުކުތާތަކެއް ފާހަގަކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހިސާބަށް އައިއިރު ބަޖެޓުގައި ލިބޭނެ ޢާއްމްދަނީކަމަށް ލަފާކޮށްފައިވާ މިންވަރުވެސް އެތައްތަނެއް ދަށްކަމަށް މާލީ ޢިދާރާތަކުން ބުނާކަމަށްވެސް ޢާމިރު ވިދާޅުވިއެވެ.
ބަޖެޓެއްގައި ހިމެނުން އެންމެ މުހިއްމު އެއްކަމަކީ ދެން އަންނަ އަހަރުތަކުގައި ލިބޭ ޢާއްމުދަނީ އިތުރުކުރުމުގެ ވާހަކަން ބަޔާންކުރައްވާ ބަޖެޓް ފާސްކުރެވެންވާނީ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ކަންވެސް ޢާމިރު ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް 2022 ވަނަ އަހަރުގެ ސަރުކާރުގެ ޚަރަދު ފަސް ބިލިއަނަށްވުރެ އިތުރުވެގެން އެބައި ބަޖެޓްގައި ހިމެނުމުން ހިތާމަކުރައްވާކަމަށް އާމިރު ވިދާޅުވިއެވެ.
ޢާމިރު ވަނީ އޭނާ ހިމެނިވަޑައިގަންނަވާ ދާޢިރާގެ ތަރައްޤީއަށް ކަމެއް ކޮށްދިނުމުގެ ވިސްނުމެއް މިސަރުކަރުގައި ނެތްކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުންވެސް ފާހަގަކުރައްވާފައެެވެ.
އެހެންކަމުން މިގޮތަށް މި ބަޖެޓް ފާސްކުރުމަށްވުރެ ކޮމިޓީ މަރުހަލާގައި ޤާނޫނު އަސާސީގެ 96 ވަނަ މާއްދާ އުނިކޮށްލުން ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ކަމެއް ކޮށްދޭއިރު ރައްޔިތުންގެ ބޭނުންތަކަށް ރިޢާޔަތްކުރުމަށްފަހު އެބޭނުންވާ ކަންތައް ކޮށްދިނުމަށްވެސް ޢާމިރުވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ