އަޅުގަނޑު ނުވާ ބަންދެއް ރާއްޖެއަކު ނުހުންނާނެ: ރައީސް މައުމޫން

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެކި ވައްތަރުގެ ބަންދުގައި ނުވަތަ ސަރުކާރުގެ ހައްޔަރުގައި އެކި ކަހަލަ ބަންދުތަކުގައި ދުވަސްތައް ހޭދަކޮށްފައިވާނެ ކަމަށް، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޣައްޔޫމް ވިދާޅުވެއްޖެއެވެ.
ވީޓީވީ އިން ގެނެސްދޭ "ބޮޑުފެންޑާ" ޕްރޮގްރާމުގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ހަޔާތްޕުޅާ ގުޅޭ ގިނަ ވާހަކަފުޅުތަކެއް ހިއްސާކުރައްވާފައެވެ.
އެގޮތުން ދިވެހިރާއްޖޭގައި އެމަނިކުފާނު ނުވާ ބަނދެއް ނުހުންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މި ބަންދުތަކާއި އެމަނިކުފާނު ކުރިމަތިލައްވަން ޖެހިވަޑައިގަތް ސަބަބުވެސް ރައީސް މައުމޫން ހާމަކުރެއްވިއެވެ. އެގޮތުން މިއީ އަލްމަރްހޫމް އިބްރާޙިމް ނާސިރުގެ ވެރިކަމުގައި، ޤާނޫނުލް އުޤޫބާތުގެ 38 ވަނަ މާއްދާގެ ދަށުން، ސަރުކާރާއިމެދު މީހެއްގެ ހިތުގައި ނަފްރަތު އުފެދޭ ވާހަކައެއް ދެއްކުމުގެ ކުށުގެ ތުހުމަތުގައި ކުރިމަތިވި ކަންތައްތަކެއްކަން ރައީސް މައުމޫން ހާމަކުރެއްވިއެވެ. އަދި ކުރިމަތިލައްވަން ޖެހުނު އަދަބާއި، މިކަން ކުރިމަތިވި ގޮތްވެސް ރައީސް މައުމޫން ހިއްސާކުރެއްވިއެވެ.
ހައްޔަރުކުރުމަށްފަހު އެންމެފުރަތަމަ މާގިނަ ސުވާލުތަކެއް ނުކުރާ ކަމަށާއި އެމަނިކުފާނުގެ އަރިހުގައި އެއްސެވީ، މިވެނި ބަޔަކާ މިވެނި ވާހަކައެއް ދެއްކިންތޯ އެކަނި ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި މި މައްސަލަ ރިޕޯޓުކުރި ކަމަށް ބުނާ ފަރާތަކީ އެމަނިކުފާނު ދަންނަ ފަރާތެއް ނޫންކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އެހެންނަމަވެސް ހައްޔަރުކުރި ރޭގެ ދަންވަރު އައިސް ސުވާލުތައް ކުރިމަތިކުރެއްވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މިފަދަ ތަފާތު ކަންތައްތަކުގައި އެތައް ބަންދެއް ތަޖުރިބާކުރައްވަން ޖެހިވަޑައިގަތްކަން ރައީސް މައުމޫން ހާމަކުރެއްވިއިރު، އެމަނިކުފާނުގެ ވެރިކަމުގެ 30 އަހަރުގެ ތެރޭގައިވެސް ގިނަބަޔަކަށް ނުހައްގު ޖަލު އަދަބުތަކާއި، ޖަލުތަކުގައި އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ހާއްސަކޮށް މިހާރު ރާއްޖޭގެ ވެރިކަމުގައި އޮތް އެމްޑީޕީގެ އިސް ވެރިންނަކީ މި ވާހަކަތައް އެންމެ ހަރުއަޑުން ދައްކަވާ ފަރާތްތަކެވެ. އެގޮތުންވެސް ރައީސް ނަޝީދު އަކީ ރައީސް މައުމޫންގެ ފަރާތްޕުޅުން ގިނަ އަނިޔާ ތަކަކާއި ނުހައްގު ޖަލު ހުކުމްތަކެއް ލިބުނު ކަމަށް ވިދާޅުވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ