ބްރޯޑްކާސްޓް އެވޯޑްގެ ޕްރީ ޝޯވ މިއަދު ހަވީރު ބައްވަނީ

ދިވެހިރާއްޖޭގައި މުޅިން އަލަށް ބާއްވާ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022"ގެ ޕްރީ ޝޯވ މިއަދު ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުންގެ އަގުވަޒަންކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ ބްރޯޑްކާސްޓް އެވޯޑް ދިނުމުގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
އޭގެ ކުރިން ބާއްވާ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022"ގެ ޕްރީ ޝޯވ ކުރިއަށް ދާނީ މިއަދު ހަވީރު 04:00 އިން 06:00އަށް ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައެވެ. މި ޝޯވއަކީ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
މި ޝޯވގައި ވަކި އުމުރެއް އިސްތިސްނާވުމެއް ނެތި، ހަމަ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ބައިވެރިވެވޭ ގަޮތަށް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި، ބޮޑުބެރު، ޒުމްބާ އަދި ކުޑަކުދިންނަށް ހާއްސަ ކާރާޓޭގެ ހަރަކާތްތައް ވެސް ފެނިގެންދާނެއެވެ. އަދި ބްރޯޑްކާސްޓް އެވޯޑާ ގުޅޭ މުހިންމު މައުލޫމާތު ވެސް މި ޝޯވގެ ތެރެއިން އާންމުންނަށް ހިއްސާކުރާނެއެވެ.
މިއަދުގެ މި ޝޯވގައި ބްރޯޑްކާސްޓް އެވޯޑުގެ ސްޕޮންސަރުން ވެސް ބައިވެރިވާނެއެވެ. އަދި ސްޕޮންސަރުންގެ ހިދުމަތްތަކާއި އުފެއްދުންތަކުގެ މައުލޫމާތު ވެސް މި ޝޯވގައި ހިއްސާކުރާނެއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ، ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ވަމުންނެވެ.
އެ އެވޯޑުގެ އެސޯސިއޭޓް ޕާޓްނަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ސްޕޮންސަރުންނަކީ ސްޓެލްކޯ އަދި އެފްއެސްއެމްއެވެ. އަދި ހޮސްޓިން ޕާޓްނަރަކީ އެޗްޑީސީއެވެ. އެވޯޑުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ