ތިން ގަޑިއިރު ފަހުން، ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި

ކަރަންޓު ކޭބަލަށް ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް، ތިން ގަޑިއިރު ފަހުން އަލުން ކަރަންޓު ދޭން ފަށައިފިއެވެ.
މިއަދު ހެނދުނު 11:25 ހާއިރު ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެނުގެ ހިދުމަތްތައް ކެނޑިފައި ވަނީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކު ބިންގަނޑު ކޮނުމުގެ ތެރޭގައި ހިޔާ ފްލެޓްތަކަށް ކަރަންޓުދޭ ކޭބަލަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ.
ސްޓެލްކޯ އިން އޭރު ބުނީ، ކޭބަލް މަރާމާތުކުރުމަށް ދެ ގަޑިއިރު ވަރު ހޭދަވާނެ ކަމަށެވެ. އެ ކުންފުނިން މީގެ ކުޑަ އިރުކޮޅެއް ކުރިން ބުނީ މައްސަލަ ހައްލުކޮށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ހިޔާ ފްލެޓްތަކުން މިއަދު ކަރަންޓު ކެނޑުމުގެ ސަބަބުން ލިފްޓުތަކާއި ފެން ފޯރުކޮށްދޭ ޕަމްޕުތައް ވެސް ހުއްޓި، ހިދުމަތްތަކަށް ބުރޫ އަރާފައި ވެއެވެ. އަދި ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓުގެ ތެރޭގައި ތިން މީހަކު ތާށިވެފައި ތިއްބެވެ. އެ މީހުން ލިފްޓުން ނެރުނީ ސާވިސްކުރާ މީހުންގެ އެހީތެރިކަމާއެކުގައެވެ.
މީގެ ކުރިން ވެސް ހިޔާ ފްލެޓްތަކުގެ ކޭބަލަށް ގެއްލުންވެ، ކަރަންޓު ކެނޑުމުގެ ސަބަބުން ހިދުމަތްތަކަށް ބުރޫއަރާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ