ފަނޑިޔާރުންނަށް ފްލެޓް، ޝަރުއީ ދާއިރާގެ މުސާރަ ބޮޑު ކުރަނީ

ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު ޝަރުއީ ދާއިރާގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު ޝަރުއީ ދާއިރާގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ގަޟާއީ އަހަރު 2023" އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގެ އިތުބާރު އެ މައްޗަށް ބިނާވާ މައިގަނޑު އަސާސަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަމަށާ އެކަމަށްޓަކައި ފަނޑިޔާރުންގެ ޒަރޫރީ ބޭނުންތައް ހަމަޖެހިފައި ހުރުން ކޮންމެހެން މުހިންމު ކަމަށެވެ. އެ ގޮތުން މާލީ އިނާޔަތްތަކާއި ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ކޮންމެހެން ހައްލު ކޮށްދޭން ޖެހޭ ކަންކަން ކަމަށް ވިދާޅުވިއެވެ.ފަނޑިޔާރުންގެ ގާނޫނު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ތަކަކީ މި ކަމަށް ލިބޭނެ ހައްލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ."އެ ބިލު ގާނޫނަކަށްވުމުން ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފަނޑިޔާރުންނަށް ވަކި އަދަދަކަށް ފްލެޓް ކަނޑައެޅިގެންދާނެ. އެފަދަ މަޝްރޫއުތައް ނެތް ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންގެ ލިވިން އެލަވަންސްގެ މިންވަރުވެސް ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށްވުރެ ކުޑަ ނުވާނެ ގޮތަކަށް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.ރައީސް ވަނީ މެޖިސްޓްރޭޓުންގެ މުސާރަ މިދިޔަ އަހަރު ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވެ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވިދާޅުވި ފަދައިން ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު ޝަރުއީ ދާއިރާގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ކުރީ ސަރުކާރުގެ ދުވަސްވަރު ޝަރުއީ ދާއިރާއަށް ކަނޑައެޅީ440 މިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް މިއަހަރު 605 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވެފައެވެ. މިއީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު 35 އިންސައްތައިގެ އިތުރުވުމެކެވެ.މީގެ އިތުރުން ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންކަން ވެސް ސަރުކާރުން ކުރަމުން އަންނަ ކަން ފާހަގަ ކުރައްވާ ކޯޓުތަކުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އެއް އިސްލާހަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑިސްޓްރިކްޓް ކޯޓުތަކެއް އުފެއްދުން ކަމުގައި ވިދާޅުވިއެވެ."އެއީ މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކުގެ އިހްތިސާސްގައި ހިމެނޭ މައްސަލަތައް ބެލުމަށް އުފައްދާ ކޯޓުތަކެއް. އެ ކޯޓުތައް އުފެދުމުން ރަށްރަށުގައި ދިރިއުޅޭ މީހުން އއަދުލު އިންސާފަށް ވާސިލްވުމަށް މިހާރު އުފުލަންޖެހޭ ބުރަ ވަރަށް ބޮޑަށް ލުއިވެގެން ދާނެ،"މީގެ އިތުރުން ޝަރުއީ ދާއިރާއަށް މުޅިން އަލަށް ސާކިޓް ކޯޓުގެ ނިޒާމު ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެ ނިޒާމުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމުމަށް މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އިންޓާގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމެއް އެކުލަވައިލުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށާ މިއަހަރުގެ ފަހުކޮޅު ކޯޓުތަކުގައި މި ސިސްޓަމް ބޭނުން ކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ