ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސް އަޅައި، ފެނާއި ކަރަންޓުގެ ހިދުމަތައް ދިނުމަށް ވެސް ހުރަސް އެޅީ ސީލް މޯލްޑިވްސް އިން ކަމަށް ރަށުގެ ކޮންޓްރެކްޓަރު ރިޒް ކުންފުނިން ބުނެފިއެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ ވަނީ ހަތް މަހަށް ވުރެ ގިނަ ދުވަސްވެފައެވެ. އަދި އެކަމާއި ގުޅިގެން ބިދޭސީން އިހުތިޖާޖުކޮށްފައިވާއިރު، އެ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ރަށުން ބިދޭސީންތަކެއް ހައްޔަރުކޮށް އެ މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.
ރަށުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހަވާލުވެގެން ތިބީ ރިޒް ކުންފުނިންކަމަށް ނިންމާ، މަސައްކަތްތެރިން ޖުލައި މަސް ނިމުމުގެ ކުރިން ރަށުން ބޭލުވުމަށް ތުޅާދޫ މެޖިސްޓްރޭޓު ކޯޓުން ވެސް އޮތީ އަމުރުކޮށްފައެވެ.
ރަށުގައި މަސައްކަތް ކުރި ބިދޭސީން ރަށުން ބޭލުވުމުގެ ކުރިން އެކި ގޮތްގޮތުން އުނދަގޫތަކެއްކޮށްފައި ވެއެވެ. އެގޮތުން ރަށުން ފެނާއި، ކަރަންޓު ކަނޑާލުމާއި، ކެއްކޭނެ އިންތިޒާމުތައް ހުއްޓުވުން ހިމެނެއެވެ. ބިދޭސީންނަށް ނުދީވާ މުސާރަ ޖުލައި މަސް ނިމުމުގެ ކުރިން ދީ، އެކަން ސާބިތުވާނެ ލިޔުމެއް ހުށަހެޅުމަށް ރިޒް ކުންފުންޏަށް ލޭބާރ ރިލޭޝަންސް އޮތޯރިޓީން އޮތީ އަންގާފައެވެ. އެހެން ނަމަވެސް، ރަށުގައި ތިބި އެއްވެސް ބިދޭސީއަކަށް މުސާރަ ދީފައި ނުވެއެވެ.
ރަށުން ބިދެސީން ބާލުވާފައިވަނީ ހުކުރު ދުވަހުއެވެ. އަދި އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވަމުންދަނިކޮށް ރިޒް ކުންފުނިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބޮޑު ފިނޮޅުގައި ތިބވި ބިދޭސީންނާއި ހަވާލުވުމާއި އެ މީހުންގެ މުސާރައިގެ މައްސަލަތައް ޝަރުއީ މަރުހަލާގެ ތެރެއިން ހިނގަމުން ދިޔަޔަސް، އެ މީހުންގެ ކެއުންބިއުމަށް ހުރަހެއް ނައިސް ކަންކަން ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުން އައީ އެ ކުންފުނިން ކަމަށެވެ. އެހެން ނަމަވެސް ކާބޯތަކެތި ރަށަށް ފޮނުވުމަށް ދެކޮޅު ހަދަމުންދިޔައީ ސީލް ކުންފުނިންކަމަށް ރިޒްއިން ވަނީ ބުނެފައެވެ.
https://twitter.com/pagossman/status/1288848679458267143
ކާބޯތަކެތީގެ އިންތިޒާމުތައް ހަމަޖެއްސުމަށް ބައެއް ބިދޭސީން ތުޅާދޫއަށް ދިޔަ ކަމަށާއި، އެއަށްފަހު އެ ބިދޭސީން އެނބުރި އައިސް ރަށަށް ފައިބަން މަސައްކަތް ކުރުމުން އެކަމަށް ސީލްއިން ހުރަސްއެޅިކަމަށް ރިޒްއިން ވަނީ ބުނެފައެވެ.
ރިޒްގެ ގާނޫނީ ޓީމް ލޯކްރާފްޓުން މީޑިއާތަކަށް ބަޔާނެއް އާއްމުކޮށް ބުނެފައިވަނީ، އެއްބަސްވުމާ ގުޅޭގޮތުން ދެބަސްވުންތަކެއް އުފެދުނު ކަމުގައި ވިޔަސް، އިންސާނީ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެން ނަމަވެސް، ބޮޑުފިނޮޅުގެ ބިދޭސީންގެ ކެއުން ރަށަށް ފޮނުވުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ކެނޑިނޭޅި ސީލް މޯލްޑިވްސްއިން ހުރަސްއަޅަމުން ގެންދިޔަކަމަށް ލޯކްރާފްޓްއިން ވަނީ ބުނެފައެވެ.
ރިޒްއިން ބުނެފައިވަނީ، ރަށުން ކަރަންޓާއި ފެނުގެ ހިދުމަތް ކަނޑާލާނެކަމުގެ އިޝާރާތެއް ސީލް މޯލްޑިވްސްއިން ދިނުމުން އެ މައްސަލަ ފުލުހަށާއި، ހިއުންރައިޓްސް ކޮމިޝަނަށް ވެސް ހުށަހެޅިކަމަށެވެ. އެހެން ނަމަވެސް އެ މުވައްސަސާތަކުން އެއްވެސް ފިޔަވަޅެއް ނޭޅިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
https://twitter.com/FSaaira/status/1288824751599706115
ރިޒް ކުންފުނިން ބުނެފައިވަނީ، ސީލްގެ މައްސަލަ ފުލުހަށް ރިޕޯޓުކުރުމުން އެ މުވައްސަސާއިން ދިން ޖަވާބަކީ އެ ކުންފުނީގެ ހުއްދައެއް ނެތްނަމަ ރަށަށް ކާބޯތަކެތި ނޭރުވޭނެ ކަމަށެވެ.
ރިޒްއިން ބުނެފައިވަނީ، ބިދޭސީންގެ ކެއުން ރަށަށް ގެންދަން މަސައްކަތް ކުރިއިރު ތުޅާދޫއިން 30 މީހަކުވެގެން އެކަން ކުރިޔަށް ގެންދިޔަ ނުދީ ހިފެހެއްޓި ކަމަށެވެ. ނަމަވެސް އެޗްއާރުސީއެމްއަށް ހުށަހެޅި މައްސަލައިގައި ފަހުން އެ ކޮމިޝަނުން ކެއުން ފޮނުވުމުގެ ފުރުސަތު މަގުފަހިކޮށްދިން ކަމަށެވެ. ރިޒްއިން ބުނެފައިވަނީ، އެ ކަންކަން ހަމަޖެހުމާއި އެކު ދެން ސީލްއިން މަސައްކަތް ކުރީ ރަށުން ކެއްކޭނެ އިންތިޒާމުތަކަށް ހުރަސްއެޅުމަށް ކަމަށެވެ. އެގޮތުން، ރަށު ތެރޭގައި ހުރި ދަރު ނެގުން މަނާކުރި ކަމަށް ރިޒްގެ ގާނޫނީ ޓީމްއިން ވަނީ ފާހަގަކޮށްފައެވެ.
ރިޒްގެ ގާނޫނީ ޓީމުން ބުނެފައިވަނީ، ބިދޭސީން އަނެއްކާ ވެސް ހަމަނުޖެހުން އުފައްދާނެކަމަށް ބުނެ ރަށުން ކަރަންޓު ކަނޑާލުމުން ކަންބޮޑުވާ ކަމަށެވެ. އަދި ރަށުގައި ފުލުހުންވެސް ތިބިއިރު އެފަދަކަމެއް ހިންގާނެ ސަބަބެއް ވެސް ނެތް ކަމަށް ރިޒްއިން ވަނީ ބުނެފައެވެ.
ބޮޑު ފިނޮޅުގެ މައްސަލައާއި ގުޅިގެން ރިޒް ކުންފުންޏާއި، ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު އެއް ކުންފުނި އަނެއް ކުންފުންޏަށް ތުހުމަތުތަކެއް ކުރަމުން އަންނައިރު ލޭބާރ ރިލޭޝަންސްއިން ބުނެފައިވަނީ ދެ ކުންފުނީގެ ދެމެދު ބަދަލު ކުރެވިފައިވާ ލިޔެކިޔުންތައް ދައްކާ ގޮތުން ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނަކީ ރިޒް ކުންފިނިން މުސާރަ ދެމުން އަންނަ ބިދޭސީން ކަމަށެވެ.
”ކަރަންޓު ކަނޑާލާ ކެއުން ގެންދަން ހުރަސް އެޅީ ސީލްއިން، ރަށުން ދަރު ނުނަގަން ވެސް އެނގި“
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ