ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ދެނެގަނެ، އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވެސް ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ހިލާފަށް، ގައުމުތަކާ އެކު ގުޅުންތައް ހީނަރުވާ ގޮތަށް ވާހަކަ ނުދައްކަން އެދި، ސަރުކާރުން ނުސީދާ ރައްދެއް އެ މަނިކުފާނަށް ދީފައި ވަނިކޮށެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ ހަފުތާގައި ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގެން، ނަޝީދު ވަނީ ހާރިޖީ ގުޅުންތަކާ ބެހޭގޮތުން އިންޑިއާގެ މީޑިއާތަކާ ވެސް ވާހަކަ ދައްކަވައިފަ އެވެ. އެކަމާ ގުޅިގެން ރޭ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފައިވެ އެވެ.
ނަޝީދުގެ ނަން ނުގެނެސް، އެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުން ހާރިޖީ ގުޅުންތައް ހީނަރުވާ ގޮތަށް ދައްކަވާ ވާހަކަތަކުން އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ.
The most trusted news source in the Maldives
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އެހެންވެސް ހުރިހާ ސިޔާސަތުތައް މުތާލިއާކޮށް، ދެނެގަނެ އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ.
"ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެ. 30 ޕަސެންޓަށް ވުރެ ތާއިދު ދަށް ކޮށް އޮތް ޑރ. މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން،" މިދިޔަ މަހު އޮތް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް އިޝާރަތް ކުރައްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވަނީ އިންޑިއާގެ މީޑިއާތަކަށް އެ މަނިކުފާނު ދެއްކެވި ވާހަކަ ތަކުރާރު ކުރައްވައި، އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީ އާއި ލޯނު ސަރުކާރުންބޭނުންކުރަން ޖެހޭނީ ޒިންމާދާރުކަމާ އެކު ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ގެންގުޅޭ "މޯލްޑިވްސް ފަސްޓް" ހާރިޖީ ސިޔާސަތު ބިނާކޮށްފައިވަނީ، ބައިނަލްއަގުވާމީ ގުޅުންތަކުގެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ މައްޗަށް ކަމަށެވެ.
ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުން، އެ މިންގަނޑުތަކާ ހިލާފަށް، ހާރިޖީ ގުޅުންތައް ހީނަރުވާ ގޮތަށް ދައްކަވާ ވާހަކަފުޅުތަކަކީ، އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެހެންކަމުން، އެފަދަ ބޭފުޅުން، ގައުމުތަކާ އެކު ގުޅުންތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާއިރު، ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
ހާރިޖީ ސިޔާސަތަށް ފާޑުކިޔުމަކީ ވެސް މަސްއޫލިއްޔަތެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ