އައިއޯޓީސީގެ އަހަރީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ މިއަހަރުގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރާގައެވެ.
އައިއޯޓީސީގެ 30ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ސިލްސިލާ މަޝްވަރާތައް ފަށާފައިވަނީ ކޮމްޕްލަޔަންސް ކޮމިޓީގެ ބައްދަލުވުމުންނެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދާއި އެނޫންވެސް ސަރަހައްދުތަކުގެ މެންބަރު ގައުމުތަކާއި، އޮބްޒާވަރުން އަދި ކަމާގުޅުންހުރި އެކި ފަރާތްތައް ބައިވެރިވާ ފަންނީ އަދި ކޮމިޝަން ފެންވަރުގެ މަޝްވަރާތަކުގެ ފެށުމެވެ.
ކޮމްޕްލަޔަންސް ކޮމިޓީއަކީ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ހިމާޔަތްކުރުމާއި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމުގައްޔާއި، މުރާޖައާކުރުމުގައާއި، ބަލަހައްޓައި ބެލެހެއްޓުމުގެ މޮނިޓަރިން ކޮންޓްރޯލް އަދި ސަވައިލަންސް ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، މި ސަރަހައްދުގެ ކަނޑުމަހުގެ މަސްވެރިކަމުގައި ދެފުށް ފެންނަ، ޒިންމާދާރު އުސޫލުތަކެއް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ކޮމިޓީއެކެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ އަހަރީ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްގެ ގޮތުގައި މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްވެސްމެއެވެ.
މިއީ އައިއޯޓީސީ ގެ އަހަރީ ޖަލްސާއެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިފަދަ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، އެ ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެކެވެ.
އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ