ދީބާޖާއަށްދޭ ބަދަލަކީ ސިޔާސީ ކަޓެއް: އުމަރު

ދީބާޖާއަށްދޭ ބަދަލަކީ ސިޔާސީ ކަޓެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.އުމަރު މިހެން ވިދާޅުވީ އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. އުމަރު ވަނީ ދައުލަތުގެ މިލްކިއްޔާތުން ކޮންމެ ނަމެއްގައިވެސް، ފައިސާ ނަގާ ބަހާ ނަމަ އެއީ ވައްކަން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާއި ޒިންމާ ނަގަން ޖެހޭ ދުވަހެއް އަންނާނެ ކަމަށާ، އެ ޝަރީއަތް ހިންގާނީ ލައިވްކޮށްގެންކަމަށް އުމަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދޭން ޖެހޭ 348.10 މިލިއަން ރުފިޔާގެ ތެރެއިން ދީބާޖާއި ދައުލަތާއި ދެމެދު އެއްބަސްވި ގޮތަށް174 މިލިޔަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައި އެކަން ސިވިލް ކޯޓަށް އެންގީ ހޯމަ ދުވަހުއެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ބާތިލުކޮށްފައިވަނީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމިގެން ދިޔައީ ދީބާޖާއާއި އެއްކޮޅަށެވެ. ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައަޅާ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން 348.10 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރިއެވެ. އޭގެފަހުން އެ ހުކުމް ބާތިލުކުރީ ހައިކޯޓުންނެވެ.
މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައެވެ. އެ ނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމް ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ