ވ. އަތޮޅު ކަނޑުގެ އަޑީގައި ހުރި ހޮހޮޅައެއްގައި ތާށިވެގެން މަރުވި ފަސް ޑައިވަރުންގެ ތެރެއިން އެކަކަކު މިއަދު އިޓަލީއަށް ގެންގޮސްފި އެވެ.
ފަސް ދޮޅަސް މީޓަރަށް ވުރެ ފުނުގައި ހުރި އެ ހޮހަޅައިގެ ތެރެއަށް ޑައިވްކުރި އިޓަލީގެ ފަސް މީހުންގެ ތެރެއިން ފުރަތަމަ ފެނުނީ ޑައިވް އިންސްޓަރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީ އެވެ.
ޓާކިޝް އެއާލައިންގައި އޭނާގެ ހަށިގަނޑު ދޯހާ މަގުން މިލާނަށް ގެންދިޔައީ މިއަދުގެ ވަގުތެއްގައި ކަމަށް، ރާއްޖޭގައި މިފަދަ ހިދުމަތްތައް ދިނުމަށް ހާއްސަ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އިންކް ޕްރައިވެޓް ލިމިޓެޑުން ބުންޏެވެ.
މަރުވި ބެނެޑެޓީއަކީ ރާއްޖޭގައި ހަތް އަހަރު ވަންދެން ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މީހެކެވެ. އޭނާއަކީ ޑީއޭއެން އިންޝުއަރެންސް އޮންނަ މީހަކަށްވާއިރު، މޯލްޑިވްސް އިންކަކީ އެ އިންޝުއަރެންސްގެ ދަށުން ދަތުރުކުރާ މީހުންނަށް ދިމާވާ މިފަދަ ހިތާމަވެރި ހާދިސާތަކުގައި ހަށިގަނޑު ގައުމަށް ފޮނުވައިދޭ ރާއްޖޭގެ އެޖެންޓެވެ.
ދެހާސް އަށްވަނަ އަހަރު އުފެއްދި މޯލްޑިވްސް އިންކަކީ ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުންނާއި ފަތުރުވެރިން މަރުވުމުން، އެމީހުންގެ ހަށިގަނޑުތައް އެނބުރި ގައުމަށް ފޮނުވުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކުންފުންޏެކެވެ.
ދުނިޔޭގެ މިފަދަ ހިދުމަތްތައް ދޭ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ ދަ ވޯލްޑް ފިއުނަރަލް އޮޕަރޭޓިވްސްގެ ރާއްޖޭގެ މެންބަރަކީ ވެސް މޯލްޑިވްސް އިންކެވެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލިއަންޒް އިންޝުއަރެންސްގެ ރާއްޖޭގެ ސާވިސް ޕްރޮވައިޑަރަކީ ވެސް އެ ކުންފުންޏެވެ.
މޯލްޑިވްސް އިންކްގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފަތުރުވެރިންނަށް ލިބޭ ފަދަ ފެންވަރު ރަނގަޅު، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ހިދުމަތްތަކެއް ރާއްޖޭގައި ފޯރުކޮށްދިނުމެވެ. މި ހާދިސާގައި މަރުވި އިޓަލީގެ ރައްޔިތާގެ ހަށިގަނޑު ފޮނުވާލުމުގައި ވެސް އެ ކުންފުނިން ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހުރިހާ ކަމެއް ނިންމާފައެވެ.
ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައި މާލެ ގެނެސް ވަނީ މޯޗަރީއަށް ލައިފަ އެވެ. އެއީ ކޮން ބައެއްކަން ދެނެގަތުމަށް ފަހު ހަށިގަނޑު އިޓަލީއަށް ފޮނުވާލާނެ އެވެ.
ފަސް ޑައިވަރުންގެ އިތުރުން ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރި ވަނިކޮށް ނިޔާވި ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ އެވެ.
މަރުވި އެއް ޑައިވަރުގެ ހަށިގަނޑު އިޓަލީއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ