އައްމަޓީގެ އިންޒާރު ދައުލަތުގެ ވަކީލުންނަށް: "ޝަރީއަތުގައި ކަންކަން އޮޅުވައެއް ނުލެވޭނެ"

ޝަރީއަތުގައި ކަންކަން އޮޅުވައި ނުލެވޭނެ ކަމަށާއި، މަކަރާއި ހީލަތް ހަދައިގެން ޝަރީއަތުގައި ވާހަކަ ނުދެއްކޭނެ ކަމަށް ބުނެ، ސީލައިފްގެ ބޮޑު ޚިޔާނާތުގެ މައްސަލައިން ސަލާމަތްވި، އަހްމަދު މޫސާ (އައްމަޓީ) ދައުލަތުގެ ވަކީލުންނަށް އިންޒާރު ދީފިއެވެ. ޝަރީއަތުގައި މަކަރާއި ހީލަތްހަދައި، އޮޅުވާލައިގެންނާއި ދޮގު ހަދައިގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ބުނެ، ދައުލަތުގެ ވަކީލުންނަށް އައްމަޓީ އިންޒާރު ދިނީ، އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި މައްސަލައިގެ އިސްތިއުނާފުގައި މިއަދު ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައެވެ. ގިނަ އިރުތަކަކަށް ދެމިގެން ދިޔަ މި މައްސަލައިގެ ޝަރީއަތުގައި، ރުޅި އައިސްހުރެ ވާހަކަ ދައްކަމުން އައްމަޓީ ވަނީ ޝަރިއަތުގައި ދައުލަތުގެ ވަކީލުން ދޮގު ހަދާ ކަމަށް ތުހުމަތުކޮށްފައެވެ. https://sun.mv/222206 "ދައުލަތުގެ ފަރާތުން ކޯޓުގައި ވާހަކަ ދައްކަން ޖެހޭނީ ކަން ހިނގާފައިވާ ގޮތަށް، ލިޔެކިޔުންތަކުގައި ހުރި ގޮތަށް. ކަނޑައެޅިގެން ދައުލަތުގެ ފަރާތުން މިހާރު ބުނަމުން އެގެންދަނީ ވުޖޫދުގައި ނެތް ފްލެޓްތަކެކޭ ނަންބަރުތަކެއް ޖަހައިގެން އަޅުގަނޑުމެން ބުކިން ހަދައިގެން ވިއްކި ކަމަށް. އެއީ އެއްގޮތަކަށް ވެސް ހިނގާފައިވާ ކަންކަމެއް ނޫން. އެހެންވީމާ މިތާގައި ދައްކަން ޖެހޭނީ،" އައްމަޓީ ބުންޏެވެ. "މިއީ ޝަރިއަތުގެ މާލަން، މި މާލަމުގައި ވާހަކަ ދައްކަން ޖެހޭނީ ކަން ހިނގާފައި ހުރި ގޮތަށް. ލިޔެކިޔުންތަކުގައި ހުރި ގޮތަށް. މިތާނގަ މަކަރާއި ހީލަތް ހަދާފަ އޮޅުވާލައިގެން ދޮގު ހަދައިގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނޯންނާނެ!" އޭނާ އިތުރަށް ބުންޏެވެ. ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ޚިޔާނާތުގެ އެއްވެސް ދައުވާއެއް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ފެށުނީ މިއަދުއެވެ. މި މައްސަލައިގެ އިސްތިއުނާފު ފެށުނުއިރު، އައްމަޓީގެ ޕާސްޕޯޓް އޮތީ ހައިކޯޓުން ހިފަހައްޓާފައެވެ. ހައިކޯޓުގައި މި މައްސަލަ ބަލަނީ، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، މުހައްމަދު ޝަނީޒު އަބްދުﷲ އަދި އަބްދުލްމާނިއު ހުސެއިންއެވެ. މައްސަލައިގެ ރިޔާސަތު ފަނޑިޔާރަކީ ޝަނީޒްއެވެ. މިއަދުގެ ޝަރިއަތުގައި ބެންޗުން ވަނީ ގިނަ ސުވާލުތަކެއް ދައުލަތާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ