ގެގް އޯޑަރު ބާތިލުކުރަން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ، ހައިކޯޓުން ބަލައިގެންފި

އަދަދު ނޫހުން ގެނައި ޑޮކިއުމެންޓަރީއަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލުމާއެކު، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ފަރާތުން އަލުން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ. އެ އަމުރު ހައިކޯޓުން އާދިއްތަ ދުވަހު ރިޖެކްޓްކުރީ އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ނެތް ކަމަށް ބުނެއެވެ. އެ ނިންމުން ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާއެވެ. އެއާއެކު ފިޔާޒުގެ ފަރާތުން ވަނީ އެ މައްސަލަ ހަމަ އެ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ މިއަދު ހައިކޯޓުން ވަނީ ބަލައިގެންފައެވެ. އެ އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޖޭއޭއިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ މި އަމުރަކީ މުޅި މުޖުތަމައަށް އަމާޒުކޮށް ނެރެފައިވާ އަމުރަކަށްވާއިރު، މީގެ ސަބަބުން އާންމު ރައްޔިތުންނާއި ނޫސްވެރިންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ކަމަށެވެ. "ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު"ގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި، ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުއްވިއިރު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އޮތީ އުފުލާފައެވެ. ދެ ނޫސްވެރިންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ސިއްރުކޮށްގެން ފަށާފައެވެ. 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމާ އެކު، އެއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވަނީ އެކަން ކުށްވެރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ