ތިން ރައީސުންގެ ސިޓީއެއް ޑިޕްލޮމެޓިކް މިޝަންތަކަށް ފޮނުވައިފި

ޖަލަށް ލާފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި އެ ދެ ނޫސްވެރިން މިނިވަން ކުރަން ގޮވާލައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ އެންމެން މިނިވަން ކުރުމަށް ސަރުކާރަށް ޕްރެޝަރު ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ މަގާމު މީގެ ކުރިން އަދާކުރެއްވި ތިން ބޭފުޅެއްގެ ފަރާތުން ރާއްޖޭގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކަށް ސިޓީއެއް ފޮނުވައިފި އެވެ. މިއަދު ފޮނުވި ސިޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރެއްވި އެވެ. މިއީ އެ ތިން ބޭފުޅުން ސޮއިކުރައްވައި މިގޮތަށް ފޮނުއްވި ފުރަތަމަ ސިޓީ އެވެ.އެ ބޭފުޅުން ބޭރުގެ މިޝަންތަކަށް ފޮނުއްވި ސިޓީގައި އެންމެ ފުރަތަމަ ފާހަގަކުރައްވާފައިވަނީ 10 މެއިގައި ކްރިމިނަލް ކޯޓުން ނެރުނު 'ގެގް' އަމުރުގެ މައްސަލަ އެވެ. ނަޝީދާއި ސޯލިހު އަދި ޔާމީން ފާހަގަކުރެއްވި ގޮތުގައި:އެއީ ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް ނޫހަކުން ނެރުނު ޑޮކިއުމަންޓަރީއެއް ދައުރުކުރުމާއި އެކަމާ ގުޅޭ ގޮތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވާހަކަ ދެއްކުން މަނާކޮށް ނެރުނު އަމުރެއް؛ މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީހުގައި ހިޔާލުފާޅުކުރުން ކޯޓަކުން މިވަރަށް މަނާކުރި ފުރަތަމަ ފަަހަރުދެ ދުވަސް ފަހުން، ސިއްރުން ބޭއްވި އަޑުއެހުންތަކެއްގައި ވަކީލަކު އައްޔަންކުރަން އެކަށީގެންވާ ވަގުތު ނުދީ، ޑޮކިއުމެންޓްރީ ގެނެސްދިން، 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށް ލި؛ މިއީ ފެހި ގާނޫނުއަސާސީއަށް ފަހު، ނޫސްވެރިކަން ކޮށްގެން ނޫސްވެރިންތަކެއް ޖަލުގައި ބަންދުކުރި ފުރަތަމަ ފަހަރު އެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރި ބަޔަކު ހައްޔަރުކޮށް، ޖަލުގައި ވަނީ ބަންދުކޮށްފައިއެ ސިޓީގައި ދެން ރައީސުން ވިދާޅުވެފައިވަނީ މިިނިވަން ނޫސްވެރިކަމަށް މި ސަރުކާރުން ހުރަސްއެޅުމަށް މިއީ ކުރި ހަމައެކަނި ކަންތައް ނޫން ކަމަށާއި އެހާ ހަމައަށް ކަންކަން ދިޔައީ، އޭގެ ކުރިން، އިންތިޒާމުވެގެން ނިޒާމީ ގޮތުން ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.ހަމައެއާއެކު ކުރީގެ ރައީސުންގެ ސިޓީގައި ވަނީ، މިހާރުގެ ސަރުކާރުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލައި، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ކަމަށް ބުނެފަ އެވެ. އަދި އަލަށް ފާސްކުރި މީޑިއާ ޤާނޫނުގެ ދަށުން، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް ނޫސްތައް ބަންދުކުރުމުގެ ބާރު ދީފައިވާކަންވެސް ކުރީގެ ރައީސުން ފާހަގަކުރެއްވި އެވެ.އަދި ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި، ރިޒާވް ހުސްވެ، ދަރަނި ނުއުފުލޭ މިންވަރަށް ބޮޑުވެފައިވާއިރު، ބޭރުގެ ބައިވެރިންނަށާއި ދަރަނި ދިން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އޮތް ފުރުސަތު ވަނީ ވަރަށް ކުޑަވެފައި ކަމަށް އެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.މި ސިޓީގައި ތިން ރައީސުން ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް މުސްތަގުބަލަށްޓަކައި މަސައްކަތްކުރާ ބައިވެރިންގެ ހައިސިއްޔަތުން، ސަރުކާރަށް ބާރުފޯރުވައި، ނަހަމަ ގޮތުގައި ބަންދުކޮށްފައިވާ ހުރިހާ ނޫސްވެރިންނާއި، މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށާއި، އެމީހުންގެ މައްޗަށް ކުރާ ނާހަމަ ދައުވާތައް ހުއްޓާލުމަށް ބާރުއެޅުއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެވަޑައިގަތީ މިދިޔަ ހުކުރު ދުވަހެވެ. އޭގެ ފަހުން އެ ތިން ބޭފުޅުންގެ ފަރާތުން ވަނީ އެކުގައި މަސައްކަތް ކުރަން ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވެރި ރަށް މާލޭގައި ވަނީ ބާއްވައިފަ އެވެ.  މިނިވަން މީޑިއާ ނެތިކޮށްލައި ނޫސްވެރިން ޖަލަށްލައި، ބައެއް ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އާއި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަށްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދޭން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ