ވޯލްޑްކަޕް ވޯލްޑްކަޕް ދެވަނަ ބުރަށް ދަތުރުކުރުމުން އެކުއެޑޯއަށް މިއަދަކީ ގައުމީ ބަންދު ދުވަހެއް

ވޯލްޑް ކަޕްގައި ޖަރުމަނު އަތުން 2-1 އިން މޮޅުވެ އެކުއެޑޯ ނޮކައުޓް ބުރަށް ދަތުރުކުރުމާ ގުޅިގެން އެގައުމުގެ ރައީސް ޑެނިއެލް ނޮބޯއާ ހުކުރު ދުވަސް، ގައުމީ ބަންދު ދުވަހެއްގެ ގޮތުގައި އިއުލާނުކުރައްވައިފިއެވެ.
ވޯލްޑް ކަޕް 2026 ގެ ”ގްރޫޕު އީ“ ގައި ރޭ ކުޅުނު މެޗުގައި ލެރޯއީ ސާނޭގެ ގޯލުން ޖަރުމަނުން ލީޑު ނެގި ނަމަވެސް، ނިލްސަން އަންގޫލޯ އަދި ގޮންޒާލޯ ޕްލާޓާގެ ގޯލުން އެކުއެޑޯއަށް ވަނީ ތިން ޕޮއިންޓު ކަށަވަރުވެފައެވެ. އެއާއެކު އެކުއެޑޯއަށް ވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރުން ޖާގައެއް ކަށަވަރުވެފައެވެ.
މެޗަށްފަހު ރައީސް ނޮބޯއާ ވިދާޅުވެފައިވަނީ ”ފާޑުކިޔުންތަކާއި މަލާމާތާއި ދަތި ވަގުތުތައް ކުރިމަތިވި ނަމަވެސް އެކަންކަމުން އަރައިގަނެ މުޅި ގައުމަށް މި ބޮޑު އުފާވެރިކަން ގެނެސްދިން ކުޅުންތެރިންނާއި ކޯޗަށް ޝުކުރު ދަންނަވަން. މާދަމާ [ހުކުރު ދުވަސް] ބަންދު ދުވަހެއް!“ ކަމަށެވެ.
ޖަރުމަނު އޮތީ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ނޮކައުޓް ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. ކިއުރަސާއޯ އަތުން 2-0 އިން މޮޅުވެ އައިވަރީ ކޯސްޓް ގްރޫޕުގެ ދެވަނަ ހޯދާފައިވެއެވެ.
މިއީ ވޯލްޑް ކަޕްގެ ނޮކައުޓް މަރުހަލާއަށް އެކުއެޑޯ ދަތުރުކުރީ ދެވަނަ ފަހަރަށެވެ. މީގެ ކުރިން އެ ޓީމު ނޮކްއައުޓް ބުރަށް ދަތުރުކޮށްފައިވަނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ