ނޫމަޑި މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު ކޯޓުން ސަލާމާތްވެވަޑައިގަތީ ފަނޑިޔާރަކަށް އަށް ލައްކަ ރުފިޔާގެ ރިޝްވަތު ދީގެން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ކުރެއްވި ތުހުމަތުތައް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދޮގުކުރައްވައިފި އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މި ބޮޑު ތުހުމަތު ކުރެއްވުމުގެ ކުރިން މި ވާހަކަތަކަކީ ތެދެއް ކަމަށް ކީރިތި ގުރުއާނުގައި އަތްލައްވައި ހުވާކުރައްވަން ވެސް ކެރިވަޑައިގަންނަވާނެ ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.
އަދަދު ނޫހަށް ފުރުސަތު ނުދީ ރައީސް އޮފީހުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު މުންދު ބޭއްވި ބައްދަލުވުމުގައި މުންދުއަށް އަމާޒުވި އެއް ސުވާލަކީ އެ ތުހުމަތުތަކާ ގުޅޭ ސަުވާލެކެވެ. އެކަމުގައި ހުސައިން ވަހީދު ހައްދަވަނީ ދޮގު ކަމަށް މުންދު ވިދާޅުވި އެވެ.
"ހުސައިން ވަހީދު ހިންގަވާ ހުވާ ކޮށްލަމާ، އަޅުގަނޑު ހުންނާނަމޭ ހުސައިން ވަހީދު ކައިރީގައި. އަޅުގަނޑު އޭރު އިނީމޭ، ރައީސް އޮފީހުގެ މިނިސްޓަރޭ އަޅުގަނޑަކީ. ރައީސް މުއިއްޒުގެ އެއްވެސް ކުށެއް ތި ވިދާޅުވި އެއްވެސް ކަމެއްގައި ނޯންނާނެ ކަމުގެ ސާބިތު ހެކި އެނގޭ ފަރުދީގޮތުން އެނގޭ މީހެއް އަޅުގަނޑަކީ،" މުންދު ވިދާޅުވި އެވެ.
އެ ވާހައަކީ ކޯޓުގައި ކަނޑައެޅިގެން ދޮގު ވާހަކައެއްކަން ސާބިތުވެފައިވާ ވާހަކައެއް ކަމަށާއި މުއިއްޒުއަކީ ރިޝްވަތު ދެއްވާނެ ބޭފުޅެއް ނޫން ކަމަށް މުންދު ވިދާޅުވި އެވެ. ހުސައިން ވަހީދު ހުވާ ކުރައްވައިފިނަމަ މުއައްސަސާތަކުން އެކަން ބަލާނެ ކަމަށް މުންދު ވިދާޅުވި އެވެ.
"ދޮގެއް، މުހައްމަދު މުއިއްޒުއަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫނޭ، ނުވެސް ކުރާނޭ، ހުސައިން ވަހީދުގެ ގޮތެއް ނޭނގެ،" މުންދު ވިދާޅުވި އެވެ.
ނޫމަޑި މައްސަލައިގައި މުއިއްޒު ދޮގު ހެއްދެވިކަން އެނގޭނެ ކަމަށް ފާހަގަ ކުރައްވަމުން ހުސައިން ވިދާޅުވީ، އެ މައްސަލައިން މުއިއްޒު ސަލާމާތްވެވަޑައިގަތީ ކިހިނެއްތޯ އެމަނިކުފާނުގެ ވަކީލަކާ ސުވާލުކުރެއްވި ކަމަށެވެ.
"އެހީމަ އަޅުގަނޑު ގާތުގައި އޭނަ ބުނި ލާރި ދިނީމައޭ ފަނޑިޔާރަށް. ކިހާވަރެއްހޭ؟ އައް ލައްކަ ރުފިޔާއޭ. މިއީ އަޅުގަނޑުގެ ކައިރީގައި އެ ވަކީލު ބުނި އެއްޗެއް،" ހުސައިން ވިދާޅުވި އެވެ.
ނޫމަޑި މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދެއްވި ސްޓޭޓްމަންޓާއި، މަޖިލީހުގައި ދެއްކެވި ވާހަކަ އަދި ކޯޓުގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު މުއިއްޒަށް "ކައްޒާބު" ގެ ނަމުން މުހާތަބުކުރަން ޖެހޭ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނުހައްގުން ބާތިލުކުރި ވިޔަފާރި އެއްބަސްވުންތަކާ ގުޅިގެން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ މުއިއްޒުގެ ސަބަބުން ކަމަށް މީގެ ކުރިން ޔާމީން ވިދާޅުވެފައިވެ އެވެ.
މުއިއްޒުއަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ