ފެންނަ ނުފެންނަ ވޯޓުގެ މައްސަލައިގައި ރައީސް ހުށައެޅުއްވި ސުވާލު ގާނޫނުއަސާސީއާއި ހިލާފެއް ނޫން، ވޯޓު ހުއްޓުވަން ޖެހޭ ސަބަބެއް ނެތް: ސުޕްރީމް ކޯޓު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުންނާ ކުރަން ހުށަހަޅާފައިވާ ސުވާލަކީ ”ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“ މިއެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުއްގަނީ ވިދާޅުވީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަކީ ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ބައްޓަން ކުރާނެ ގޮތާއި އޭގެ ތަފްސީލީ އިޖުރާއަތްތައް ބަޔާންކުރާ މާއްދާއެއް ނޫން ކަމަށެވެ. އެ ތަފްސީލުތައް ބަޔާންކޮށްފައިވަނީ މި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ގާނޫނުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ހިޔާލު ހޯދުމުގެ ވޯޓެއްގައި އެއް މައްސަލައަކަށްވުރެ ގިނަ މައްސަލައަށް ވޯޓަށް އެހިދާނެކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލުގައި އެއް މައްސަލައަށްވުރެ ގިނަ ކަންކަން ހިމެނުނު ނަމަވެސް، އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ހުކުމާއެކު، ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދާ މަސައްކަތް ހުއްޓުވަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުން ވަނީ ސާފުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ