ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް, އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ މަރުވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ރޭ ބުނީ މަހުދީގެ މަރުގެ ހާދިސާ ހިނގަން މެދުވެރި ގޮތް ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މަހުދީގެ މަރަށް ފަހު އޮޕަރޭޝަން މެދުކަނޑާލި ނަމަވެސް ފިންލޭންޑުގެ ތަޖުރިބާކާރުންނާ އެކު އަލުން އެ އޮޕަރޭޝަން ފަށައި ގެއްލުނު މީހުންގެ ހަށިތައް މިހާރު ވަނީ ހޮހޮޅައިން ނަގާފައެވެ.
އެމްއެންޑީއެފުން ބުނީ މަހުދީ ފާހަގަކުރެވިފައިވަނީ 19 ޑިސެމްބަރު 2005ގައި ސިފައިންގެ މަތިވެރި ގައުމީ ހިދުމަތާ ގުޅުނު ދުވަހުން ފެށިގެން ވެސް އަމިއްލަ ނަފުސަށް ވުރެ ގައުމީ ހިދުމަތް އިސްކުރެއްވި، ހުޝިޔާރު، ކެރޭ، ހީވާގި، ނަމޫނާ ސިފައިންގެ ބޭކަލަތެއްގެ ގޮތުގައި ކަމަށެވެ.
ވަކިން ހާއްސަކޮށް ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާފައިވާ ބޮޑެތި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ކޯސްޓްގާޑުގައި ހުރި އެންމެ ހުނަރުވެރި އެންމެ ގާބިލު އެއް ޑައިވަރުގެ ގޮތުގައި މަހުދީ ދައްކުވައިދެއްވާފައިވާ ހިތްވަރާއި، ކެރުމާއި އަދާކުރައްވާފައިވާ ދައުރަކީ އެންމެހާ ސިފައިން ފަހުރުވެރިވާ މަތިވެރި ގައުމީ ހިދުމަތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަހުދީ މަރުވި ގޮތް ތަހުގީގު ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ