”ރައީސް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރެއްވުން“

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރެއްވުން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ރާއްޖެއިން އިނގެރޭސިވިލާތަށް އެތެރެ ކުރާ ކަނޑުމަހުން އިމްޕޯޓް ޑިއުޓީ ކަނޑާލަން އެ ގައުމުން އިއްޔެ ނިންމުމާ ގުޅިގެން، އެކަމަށް މަރުހަބާ ދަންނަވައި، ވެރިކަން ކުރާ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިކަމުގެ ސިނާއަތަށް އާ ފެހިކަމާއި ކުރިއެރުން ހޯދައިދިނުމަށް ރައީސް ގިނަ ކަންކަން ފައްޓަވާފައިވާތީ، އެކަމަށްޓަކައި މަސްވެރި އާއިލާތަކުގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމުގައެވެ.
މިގޮތުން ދިވެހި މަސްވެރިން ބާނާ މަހަށް ރަނގަޅު އަދި އެކަށީގެންވާ އަގެއް ހޯދައިދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އާ ބާޒާރުތަކުން މަސްވެރިންގެ އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް މަސައްކަތްތައް ކުރައްވާކަން ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
”އިނގެރޭސިވިލާތަކީ ރާއްޖެއިން މިހާރު ވެސް މަހާއި މަހުގެ އުފެއްދުންތައް ބޭރު ކުރާ ގައުމަކަށްވާއިރު، އެ ގައުމުގެ ސަރުކާރާ މަޝްވަރާ ކުރައްވައިގެން އެ ގައުމުން ދިވެހި މަހުން ނަގަމުން އައި ޓެރިފު މޭ 20 2026ގެ ފަހުން ނުނަގާ ގޮތަށް ހަމަޖެހުމަކީ، ދިވެހި މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށާއި، މި ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، އަދި އުފަލެކެވެ.“ ޕީއެންސީން ރޭ ނެރުނުު ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ވަނީ ރާއްޖެއަކީ ޔޫކޭއަށް ނުވަ ވަނައަށް އެންމެ ގިނައިން މަސް އެތެރެ ކުރާ ގައުމު ކަމަށް ވެފައި، އެ ގައުމުގެ މި ނިންމުމާއެކު، ޔޫކޭއަށް ދިވެހި މަސް ބޭރު ކުރުން އިތުރުވާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި މި ނިންމެވުން ނިންމެވިއިރު، ރައީސް ޔޫކޭއަށް ކުރެއްވި ދަތުރުފުޅުގައި ވެސް، އެ ގައުމުގެ ރަސްގެފާނު ޗާލްސްއާއި، ސަަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެންމެ ބޮޑަށް އެދިވަޑައިގެންނެވި އެއް ކަމަކީ ދިވެހި މަހާއި މަހުގެ އުފެއްދުންތަކުން ޓެރިފް ކެނޑުންކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާއި ކަނޑުމަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން އިނގެރޭސިވިލާތަށް މިހާރު ވެސް ބޭރު ކުރެއެވެ. އަދި އަހަރެއްގެ މައްޗަށް އެތައް ލައްކަ ޓަނެއްގެ މަހާއި، މަހުގެ އުފެއްދުންތައް އެ ގައުމަށް އެތެރެ ކުރާއިރު، މި ބާޒާރަށް ވާސިލުވުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ޓެރިފް ކަމުގައިވާއިރު، އެ ހުރަސް ނެތި ދިޔުމަކީ މަސްވެރިކަމުގެ ސިނާއަތުގެ ގާބިލުކަން އިތުރުކޮށް، އާމްދަނީ އިތުރު ކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ޕީއެންސީން ބުންޏެވެ.
އަދި މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތް ހަމަޖައްސަވައި، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތަށް ކަންކަން ފަހިކޮށްދެއްވައި، މަސް އޮޑި ފަހަރުގައި ލޮނުން ގަނޑުފެން އުފެއްދޭނެ ނިޒާމު ގާއިމު ކުރުމަށް މާލީ އެހީ ދެއްވައި، މަސްވެރިކަމުގެ ސިނާއަތުގެ ގާބިލުކަން އިތުރު ކުރުމަށް ބޮޑު މަޝްރޫއުތަކެއް ފަށައި، ދިވެހި މަސްވެރިކަން ޕްރޮމޯޓު ކުރާނެ ވަކި ކުންފުންޏެއް ހައްދަވައި، މަސްވެރިކަމުގެ ސިނާއަތް މުޅިން އާ ޒަމާނަކަށް ވާސިލުކޮށްފައިވާކަން ފާހަގަކޮށް، ޕީއެންސީން ވަނީ ރައީސް މުއިއްޒުއަށާއި އެމަނިކުފާނުގެ ސަރުކާރަށް މަރުހަބާ ދަންނަވައިފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ