އެލްޖީއޭގެ އަތޮޅު އޮފީސްތަކަށް ސިޔާސީ ވެރިންނެއް ނުލާނެ: ރައީސް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވިފައިވާއިރު، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހެއް ގާއިމްކުރަން ސަރުކާރުން ނިމި ނަމަވެސް އެލްޖީއޭއިން ޤާއިމުކުރާ އަތޮޅު އޮފީސްތަކަށް ސިޔާސީ ވެރިން ނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ޒަމާނުގައި އޮތް އަތޮޅު އޮފީސްތައް އިއާދަކުރުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ. އަދި އެލްޖީއޭއިން އަތޮޅުތަކުގައި ގާއިމުކުރާ އޮފީސްތަކަށް އެލްޖީއޭގެ އަތޮޅު އޮފީސްގެ ނަމުން ނަން ދޭން ލަފާ އެރުއްވީ އެ އޮތޯރިޓީން ނަންތައް ހުށަހެޅުމުން ކަމަށާއި، އެތަންތަން ހިންގުމުގެ ހުރިހާ ކަމެއްވެސް ބަލަހައްޓާނީ އެލްޖީއޭއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަތޮޅުވެރިން ނުވަތަ ގަވަރުނަރުން އެ އޮފީސްތަކަށް އައްޔަން ކުރުމާއި، އަތޮޅު ކައުންސިލަރެއް އިންތިހާބު ކުރުމާ ތަފާތެއް ނެތްކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެހެންވެ، އެފަދަ ސިޔާސީ އިސް ބޭފުޅަކު އެ އޮފީސްތަކަށް އައްޔަން ނުކުރައްވާނެ ކަމަށެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙާއެކު އަތޮޅު ކައުންސިލްތައް އުވިފައިވާއިރު، އެ ކައުންސިލްތައް ހިންގި އިމާރާތްތަކުގައި އެލްޖީއޭގެ މަސްއޫލިއްޔަތުތަކާއި، ބާރުތައް އިދާރީ ދާއިރާގެ ފެންވަރުގައި ލާމަރުކަޒީ އުސޫލުން ތަންފީޒުކޮށް ހިންގޭނެ އިންތިޒާމުތަައް ހަމަޖެއްސޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ އޮފީސްތަކުގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންގެ މުސާރައާއި މަޤާމުތަކަށް ބަދަލެއް ނާންނަގޮތަށް އެތަންތަން އެލްޖީއޭގެ ގޮފިތަކުގެ ގޮތުގައި ހިންގުމަށް ވަނީ ނިންމާފައެވެ.
މި އޮފީސްތަކުގައި ކުރިއަށްދާނީ، އެލްޖީއޭގެ މައި އޮފީހުން ކައުންސިލްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމާއި، ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުން ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ. އަދި މި އޮފީސްތައް މަސައްކަތް ކުރާނީ، އެ އޮތޯރިޓީގެ ގޮފިތަކެއްގެ ގޮތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ