ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ގިނަ ހުށަހެޅުންތަކެއް!

ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލުމާއެކު ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފިއެވެ.
މި މަޤާމުތައް ހުސްވެފައިވަނީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ. އެގޮތުން ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ރައީސް އަބްދުލްޣަނީ މުހައްމަދު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދާއި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުގެ އިތުރުން، ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދުގެ އިތުރުން ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އިތުރު ގ. އަންމޯލް އިބްރާހިމް އަލީ އަދި ގއ. ކޮނޑޭ ދާރުއްސަލާމް މުހައްމަދު އިބްރާހިމް ވަނީ ކުރިމަތިލައްވާފައެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅިގެން ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާމެދު އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން
އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ވާޖިބުތަކާ އެއްގޮތަށް މިނިވަން ޝަރުޢީ ނިޒާމެއް ދެމެހެއްޓުމަށް ވަޢުދުވެފައިވާކަން ހަނދާންކޮށްދޭ ކަމަށެވެ. އަދި މިނިވަން ޝަރުޢީ ނިޒާމެއް ހިމެނޭ ގޮތަށް ދައުލަތުގެ އެކި ގޮފިތައް އެއް ހަމައެއްގައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ