ހެންރީ ނޯވަކް މަރާލި ހާދިސާގައި ފުލުހުން އަމަލުކުރި ގޮތް ފެންނަ ބޮޑީކެމް ފުޓޭޖް އާންމުވުމާ ގުޅިގެން، ފުލުހުންނާ މެދު އުފެދޭ "ސީރިއަސް ސުވާލުތަކެއް" އެބަހުރި ކަމަށް އިނގިރޭސި ބޮޑުވަޒީރު ސާ ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.
އުމުރުން 18 އަހަރުގެ ނޯވަކްގެ ގަޔަށް 21 ސެންޓިމީޓަރު (8 އިންޗި) ގެ ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި، އުމުރުން 23 އަހަރުގެ ވިކްރަމް ދިގްވާގެ މައްޗަށް ކުށް ސާބިތުވެ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހޯމަ ދުވަހު ވަނީ އިއްވާފަ އެވެ. ދިގްވާ ބުނި ގޮތުގައި އޭނާ އެ ވަޅި ގެންގުޅުނީ ސިކް ދީނުގެ އުސޫލުތަކުގެ ދަށުންނެވެ.
ފުލުހުންގެ ބޮޑީކެމް ފުޓޭޖުން ފެންނަ ގޮތުގައި، ސައުތުހެމްޕްޓަން ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ނޯވަކްގެ ގަޔަށް ވަޅިޖެހި ތަނަށް ފުލުހުން ދިއުމުން، ދިގްވާ ވަނީ އޭނާއަކީ ނަސްލީ ތަފާތުކުރުމުގެ ހަމަލާއެއްގެ ޝިކާރައަކަށްވި މީހެއް ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފަ އެވެ. އެއާއެކު ފުލުހުން ނޯވަކްގެ އަތުގައި ބިޑިއެޅުވި އިރު، "ނޭވާ ނުލެވޭ" ކަމަށް ބުނެ އޭނާ އާދޭސްކުރާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
މި ހާދިސާއާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ސައުތުހެމްޕްޓަންގައި އެތައް ސަތޭކަ ބަޔަކު އެއްވެ މުޒާހަރާކޮށްފައިވާއިރު، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފަ އެވެ.
ފުލުހުންގެ އިސްވެރިން މިހާރު ދަނީ ނަސްލީ ހަމަހަމަކަން ގާއިމްކުރަން ފުލުހުން އަމަލުކުރަން ޖެހޭ އުސޫލު މުރާޖައާ ކުރަމުންނެވެ. އެ އުސޫލުގައި ބުނެފައިވަނީ، ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ނަސްލީ ގޮތުން ބައިމަދު މީހުންނާ މެދު ފުލުހުން ވަކި ހާއްސަ ގޮތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އިނގިރޭސި ފުލުހުން މިދިޔަ އަހަރު ޝާއިއުކުރި ލިޔުމެއްގައި ބުނެފައިވަނީ، ފުލުހުންގެ ތެރޭގައި ނަސްލީ ތަފާތުކުރުމަކީ "ވަރަށް ބޮޑު މައްސަލައެއް" ކަމަށެވެ. އަދި ތަފާތު ނަސްލުތަކުގެ މީހުންނަށް ހަމަހަމަކަން ހޯދައިދިނުމަކީ އެންމެންނާ މެދު "އެއްގޮތަކަށް" އަމަލުކުރުން ނޫން ކަމަށާއި، އެމީހުންގެ ހާލަތާއި ތަޖުރިބާތަކަށް ބަލައި އަމަލުކުރުން ކަމަށް އެ ލިޔުމުގައިވެ އެވެ.
މިއީ ރަސްމީ ސިޔާސަތެއް ނުވަތަ ތަމްރީނެއް ނޫން ނަމަވެސް، ކޮންޒަވޭޓިވް ޕާޓީން ބުނަމުންދަނީ މީހެއްގެ ހަމުގެ ކުލައަށް ބަލައި ހާއްސަ އިސްކަމެއް ގެންގުޅުމަކީ ގޯހެއް ކަމަށެވެ.
އަންގާރަ ދުވަހުގެ ކުރީކޮޅު މީޑިއާތަކާ ވާހަކަދައްކަވަމުން ސާ ކިއާ ވިދާޅުވީ، އެ ހާދިސާގެ ބޮޑީކެމް ފުޓޭޖަކީ "ވަރަށް ބިރުވެރި" އެއްޗެއް ކަމަށާއި އެ ބަލަން އޭނާއަށް އުނދަގޫވި ކަމަށެވެ.
ނަސްލީ ތަފާތުކުރުމުގެ ތުހުމަތުތަކުގެ ސަބަބުން ފުލުހުންގެ ނިންމުންތަކަށް އަސަރުކުރި ގޮތާ މެދު އުފެދޭ ސުވާލުތަކަށް ޖަވާބު ލިބެންޖެހޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ފުލުހުންގެ މައްސަލަތައް ބަލާ މިނިވަން އިދާރާ، އިންޑިޕެންޑެންޓް އޮފީސް ފޯ ޕޮލިސް ކޮންޑަކްޓް (އައި.އޯ.ޕީ.ސީ) އިން ބުނީ ފުލުހުން އަމަލުކުރި ގޮތާ މެދު ކުރިއަށްދާ ތަހުގީގުގެ ރިޕޯޓު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނެރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލާގައި ފުޅާ ދާއިރާއެއްގެ ތަހުގީގެއް ހިންގުމުގެ ފުރުސަތު އޮތް ކަމަށް ސާ ކިއާ ވިދާޅުވި އެވެ.
ނޯވަކްގެ މަރު: ފުލުހުންގެ އަމަލުތަކާ މެދު އިނގިރޭސި ބޮޑުވަޒީރު ސުވާލު އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ