ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ކުރެއްވި ދަތުރުގައި އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ރައީސްކަމުގެ މަގާމާއި މަޖިލިސް ރައީސްކަމުގެ މަގާމުގެ އިތުރުން ބޭރުގެ ޖަމާއަތެއްގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމުވެސް މިހާރު އަދާކުރެވިއްޖެ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފަދަ ޒުވާން ޖީލަށް ފުރުސަތު ދެއްވައި، މުގުލުގައި ހުންނަވަން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ދެން ބުނަންތޯ ރައީސް ކަމަކީވެސް ވަރަށް ބުރަ ކަމެއް. އަނެއްކާ ރައީސްކަމުގެ ކެމްޕެއިން ނިމޭއިރުގައިވެސް މީހާއަށްވެސް ވަރަށް ގިނަ ވަރު ވެފައި ހުންނާނީ. ދެން އަޅުގަނޑުވެސް ވަރަށް ގިނަ ކަންތައް ކުރެވިއްޖެ މިހާރު. ރައީސްކަންވެސް ކުރެވިއްޖެ. މަޖިލިސް ރައީސްކަންވެސް ކުރެވިއްޖެ. ބައިނަލްއަގުވާމީ ޖަމާއަތެއްގެ ސެކެޓްރީ ޖެނެރަލްކަންވެސް ކުރެވިއްޖެ،" ނަޝީދު ވިދާޅުވި އެވެ.
"ދެން އަޅުގަނޑު ހިތަށް ވަދެފައި މިވަނީ އަޅުގަނޑުމެންގެ ހަގު ޖެނެރޭޝަން، މިސާލަކަށް ފަޔާމެން އެއީ އަޅުގަނޑުމެންނަށްވުރެ ގާތްގަނޑަކަށް ހަތް އަހަރު، އަށް އަހަރު ހަގު. އެ މީހުންނާ އެކީގައި ދެން އަޅުގަނޑު އިންނާނަން މުގުލުގައި."
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާ އެޕްރީލް 19، ގައި ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.
ނަމަވެސް، ނަޝީދުގެ ސަޕޯޓަރުން ދަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެދެމުންނެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް "ބޮޑު ބަދަލު" ގެ ނަމުގައި ކުރީގެ ރައީސް ނަޝީދާއި ފައްޔާޒް އިސްމާއިލް ވަނީ އާ ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމުގެ މައިގަނޑު ބަދަލަކީ ސަރުކާރު ހިންގާ ވެރިޔާ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށް، ދައުލަތުގެ ވެރިޔާ މަޖިލީހާއި ކައުންސިލަރުންގެ ވޯޓުން އިންތިޚާބުކުރާ ގޮތަށް ނިޒާމު މަސްހުނި ކުރުމެވެ.
މީގެއިތުރުން ނަޝީދާއި ފައްޔާޒް ވަނީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ވަކާލާތުކުރުމުގެ ގޮތުން، "ބޮޑު ބަދަލު" ގެ ނަމުގައި ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުމުގައި ވާ ގޮތުން ދައުލަތުގެ ވެރިޔާ އާއި ސަރުކާރު ހިންގާ މީހާއަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައަޅާނެ އެވެ. ނަޝީދު ވަނީ އެ ހުށަހެޅުމަށް ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ ދައުަލަތުގެ ވެރިޔަކަށް ވުމުގެ ޝައުގެވެރިކަން ފާޅުކުރައްވާފަ އެވެ.
ފައްޔާޒުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވެސް އިދިކޮޅު މައި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. ޕްރައިމަރީ ބާއްވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
އެމްޑީޕީ އިން އެންމެ ފުރަތަމަ 2008 ވަނަ އަހަރު ބޭއްވި ޕްރައިމަރީގައި ތިން ބޭފުޅަކު ވާދަ ކުރެއްވި އެވެ. އެއީ ނަޝީދުގެ އިތުރުން ޑރ. މުހައްމަދު މުނައްވަރާއި މޫސާ މަނިކު (ރީކޯ މޫސަ) އެވެ.
އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ ނަޝީދު އެކަންޏެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ޕްރައިމަރީގައި ވެސް ވާދަ ކުރެއްވީ ނަޝީދު އެކަންޏެވެ. އެ ފަހަރު ކުރީގެ ސޯލިހަށް ރިޔާސީ ޓީކެޓު ދީފައި ވަނީ ޕާޓީގެ ކޮންގްރެސް އިންނެވެ.
އެންމެފަހުން 2023 ގައި ބޭއްވި ޕްރައިމަރީގައި ވާދަ ކުރެއްވީ ސޯލިހާއި ނަޝީދެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ސޯލިހެވެ.
ނަޝީދު ވަނީ މީގެ ކުރިން 2005 ވަނަ އަހަރުން 2008 ވަނަ އަހަރާ ހަމައަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވައިފަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ނަޝީދު ހުންނެވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ