އެއްބަސްވުމަކަށް ނާދެވި އީރާނާއި އެމެރިކާގެ ހަމަލާތައް ކުރިއަށް

އިރާނުން އުޅަނދުތަކާއި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ވައްޓާލައި، "އަމިއްލަ ދިފާއުގައި" އެ ގައުމަށް ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގެ ގޭޝްމް އައިލެންޑަށް ދިން މި ހަމަލާތަކަކީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް އިރާނުން ދޭން އުޅުނު ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.
އިރާނުން ބުނީ ބަދަލުހިފުމުގެ ގޮތުން "ސަރަހައްދީ ގައުމެއްގައި" ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ހެލިކޮޕްޓަރުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް ސެންޓްކޮމް އިން ބުނީ ތެހެރާނުން ކުވެއިތަށް ދެ މިސައިލް އަދި ބަހްރޭނަށް ތިން މިސައިލް ފޮނުވާލި ކަމަށާއި، އެ ހުރިހާ މިސައިލެއް ވައިގެ ތެރޭގައި ގޮވާފައިވާ ކަމަށް ނުވަތަ ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ.
މި ހަމަލާތައް ދީފައި މިވަނީ، މަސްތަކަކަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް މިދިޔަ ހަފުތާ ބަންދުގައި ކުރި މަޝްވަރާތައް ނާކާމިޔާބުވެ، ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރާ މަސައްކަތްތައް ހުއްޓިފައިވާ ދަނޑިވަޅެއްގަ އެވެ.
އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުނީ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމަށް ހުރަސްއެޅުމަކީ އިސްތިއުމާރީ އެމެރިކާގެ އަސްކަރިއްޔާއިން އޭގެ ބޮޑު އަގު ދައްކަންޖެހޭނެ ކަމެއް ކަމަށެވެ.
މަސްރަހު މިހާ ބޮޑަށް ހޫނުވެފައި މިވަނީ، އިރާނުން "އެއްބަސްވުމަކަށް އަންނަން ބޭނުންވާ" ކަމަށާއި އެއީ އެމެރިކާއަށް ފައިދާހުރި އެއްބަސްވުމަކަށް ވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަފުތާގައި އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް "ހަމަޖެހިލައިގެން ތިބުމަށް" ގޮވާލައްވާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ