މަށިމާލި ޕެރޭޑް: ދަންވަރު ގުޅާ ސޮރު، ނޫސްވެރިޔާ ޝަހުޒާން، ސަރުކާރުގެ ތަރުޖަމާނު އަދި އާސެނަލްއަށް ތަށި ލިބުން

ކޮންމެ އަހަރަކު ވެސް ބޮޑު އީދުގައި ހދ. ކުޅުދުއްފުށީގައި ބާއްވާ މަށި މާލި ޕެރޭޑުގައި މިފަހަރު ވެސް ތަފާތު އެކި ސިޔާސީ އެކި މެސެޖުތައް މަޖާ ގޮތަކަށް ދައްކާލައިފި އެވެ. 
މިފަހަރުގެ ޕެރޭޑުގައި އެންމެ ފާހަގަވި އެއް ފުޅަނދަކީ "އެމަންޖެގެ ފޯން" އެވެ. އެއީ މިފަހުން ރައީސް މުހައްމަދު މުއިއްޒަށް އަމާޒުވި ތުހުމަތުތަކަށް ބިނާކޮށް ހަދާފައިވާ ފުޅަނދެކެވެ.
އެ ފުޅަނދުން ދައްކުވައިދެނީ ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް 58 އަށް ފަހަރު ގުޅި ސަބަބުތަކެވެ. ގުޅި ސަބަބުތަކުގެ ތެރޭގައި "ނައިޓީ ލީ ތޯ ބަލަން" އަދި "ދަތް އުނގުޅިތޯ ބަލަން" ގުޅި ކަމަށް ފުޅަނދުން ބުނެ އެވެ. 
އޭގެ އިތުރުން ވެސް މުއިއްޒުއަށް އަމާޒުވި ތުހުމަތުތަކަށް ބިނާކޮށް ގިނަ ފުޅަނދުތަކެއް ޕެރޭޑުގައި ދައްކާލި އެވެ. އޭގެ ތެރޭގައި ސޯފާތަކަކާއި "ދެ ވަނަ ވަލީމާ" ފުޅަނދެއް ހިމެނެ އެވެ. އަދި "ދަންވަރު ގުޅާ ސޮރު" ވެސް ޕެރޭޑުން ފެނިގެން ދިޔަ އެވެ. 
މުއިއްޒުއަށް އަމާޒުވި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖަލަށްލި އަދަދުގެ މުހައްމަދު ޝަހުޒާން ވެސް މިފަހަރުގެ މާލިން ފެނުނެވެ. އޭނާ ހުރީ ކަރުގައި ޗެންޗޭނު ޖަހާފައި ބަނބުކެޔޮ މައިކެއް ހިފައިގެންނެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އަށް ހާއްސަކޮށްފައިވާ ވެސް ފުޅަނދެއް ވެސް މިފަހަރުގެ ޕެރޭޑުން ފެނުނެވެ. އެ ފުޅަނދުގައި ބުނެފައި ވަނީ މުންދު މިފަހުން "ޒުވާބުކޮށްލަން" އަންނާށޭ ވިދާޅުވެފައިވާތީ އެ ވާހަކަ އެވެ. ފުޅަނދުގައި އިން މީހާ ހުރީ މުންދުއާ ވައްތަރުކޮށް ގޮނޑިއެއްގައި އިށީންދެގެންނެވެ. 
އިނގިރޭސިވިލާތުގެ އާސެނަލްއަށް ޕްރިމިއާ ލީގު ލިބުމުން އެކަން ދައްކުވައިދޭ ބަޔަކު ވެސް ޕެރޭޑުން ފެނުނެވެ. އާސެނަލްގެ ޖާޒީގައި ތިބި ދެ މީހަކު ދިޔައީ ތެއްޔެއް ހިފައިގެންނެވެ. ތެލީގައި ޖަހާފައި އިނީ "ތަށި ލިބިއްޖެ" ކަމަށެވެ.
ގައުމުގައި ހުރި ބައެއް ބޮޑެތި މައްސަލަތަކަށް ވެސް މަށި މާލި ޕެރޭޑުގައި އަލި އަޅުވާލާފައިވެ އެވެ. އޭގެ ތެރޭގައި ތަރައްގީގެ ޕްރޮޖެކްޓުތައް ކުރިއަށްނުދިޔުމާއި ރިޔާސީ ވައުދުތައް ނުފުދުމާއި ކަރަންޓުގެ މައްސަލަ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ