ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތައް

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެކި ޤައުމުތަކުން ހަކަތައިގެ ސިޔާސަތުތައް އަލުން ބައްޓަންކުރަން މަޖުބޫރުވެފައިވާކަމަށް، ދުނިޔޭގެ ހަކަތައާބެހޭ އިދާރާ، އައިއީއޭއިން ބުނެފިއެވެ.
އެ އިދާރާގެ ޑިރެކްޓަރު ފާތިޙް ބިރޫލް ވިދާޅުވި ގޮތުގައި، ފެބްރުއަރީ 28އިން ފެށިގެން ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން، ހަކަތަ ސަޕްލައި ކުރުމުގެ ވިއުގަތަކާއި ހަކަތަ އުފުލާ މަގުތަކާއި ހަކަތައަށް ކުރާ އިންވެސްޓުމަންޓުތަކަށް ބަދަލު ގެންނަމުންދާ ކަމަށެވެ.
މިގޮތުން، އައު ތެޔޮ ހޮޅިތަކާއި، ތެޔޮ އުފުލާނެ އިތުރު މަގުތަކާއި ހަކަތަ އުފައްދާ އަމިއްލަ ކާރުޚާނާތަކަށް ކުރާ އިންވެސްޓުމަންޓުތައް އެކި ޤައުމުތަކުން އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އައިއީއޭއިން ލަފާކުރާ ގޮތުގައި ހަކަތައަށް ކުރާ އިންވެސްޓުމަންޓުތައް މި އަހަރު 3.4 ޓްރިލިއަން އެމެރިކާ ޑޮލަރު ހުރަސްކުރާނެއެވެ. މިދިޔަ އަހަރު އެ ޢަދަދު ހުރީ 2.2 ޓްރިލިއަން އެމެރިކާ ޑޮލަރުގައެވެ.
މިގޮތުން، މި އަހަރުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތާއި، ނިއުކްލިޔަރ ހަކަތަ އަދި ހަކަތަ އިޤްތިޞާދު ކުރެވޭނެ އިތުރު މަޝްރޫޢުތަކަށް ޤައުމުތަކުން ކުރާ އިންވެސްޓުމަންޓުތައް އިތުރުވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މީގެއިތުރުން، ތެލާއި ގޭހުގައި އިތުރު 1.2 ޓްރިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ނަމަވެސް، ފާއިތުވި ދެ އަހަރެކޭ އެއްފަދައިން، މި އަހަރު ވެސް ތެލަށް ކުރާ އިންވެސްޓުމަންޓުތައް ދަށްވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މިގޮތުން، ސާފުނުކުރާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ރެކޯޑު މިންވަރަކަށް އުފުލިފައިވީނަމަވެސް، މި އަހަރު ތެލަށް ކުރާ އިންވެސްޓުމަންޓުތައް 500 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ތެލާ ޚިލާފަށް، ޤުދުރަތީ ގޭހަށް ކުރާ އިނެވސްޓުމަންޓުތައް 330 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައިވާއިރު، މިއީ ފާއިތުވި ދަހަރުގެ ތެރޭގައި، ގޭހަށް އިންވެސްޓުކުރާ އެންމެ ބޮޑު އަދަދެވެ.
މީގެއިތުރުން، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް މި އަހަރު 665 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރާނެކަމަށް އައިއީއޭއިން ވަނީ ލަފާކޮށްފައެވެ. އޭގެތެރޭގައި އަވިން ހަކަތަ އުފެއްދުމަށް އެކަނި 365 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ