ސޯބެއާއެކު ފޮޓޯ ނެގުމުން ޓްރާންސްޕޯޓް ސޭފްޓީ ބޯޑުގެ ޑިރެކްޓަރު ވަކިކުރަން އެ މަގާމު އުވައިލިކަމުގެ ތުހުމަތު
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމު އުވައިލީ އެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)އާއެކު ފޮޓޯއެއް ނެގި މައްސަލައިގައި ކަމަށް ތުހުމަތުކޮށްފިއެވެ. ޒުހައިރަކީ އޭވިއޭޝަން ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަންކުރީ ނިމުނު އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. ޒުހައިރު ވަނީ އެމްޑީޕީގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އޭނާ ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ އެ މަގާމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި މީހުންނާ އިންޓަވިއު ކުރުމަށް ފަހެވެވެ. ޒުހައިރު އަދާކުރަމުންދިޔަ މަގާމު ކުއްލި ގޮތަކަށް އުވާލާފައި ވަނީ އިއްޔެއެވެ. އެކަން އޭނާ ވަނީ 'ސަން'އަށް ކަށަވަރު ކޮށްދީފައެވެ. ޒުހައިރު ވިދާޅުވީ ފޮޓޯ އެއް ނެގުމުން އޭނާގެ މަގާމު އުވައިލީ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ތެދު ވާހަކައެއް ކަމަށެވެ. ގާނޫނާ ގަވާއިދާ އެއްގޮތަށް އޭނާ އެ މަގާމުން ވަކިކުރެވޭނޭ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށާއި އެހެންކަމުން މަގާމުން ވަކިކުރާނަމަ ދެން އޮންނާނެ ގޮތަކީ މަގާމު އުވާލުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. "ތެދު ވާހަކައެއް އެއީ. ސޯބެއަކީ އަޅުގަނޑުގެ ޅިޔަނު. އަޅުގަނޑުގެ ކޮށްކޮއެއްގެ ފިރިމީހާ އެއީ. އޭނާއާއެކު ފޮޓޯ ނުނަގާ ކާކާއެކުތޯ އަޅުގަނޑު ފޮޓޯ ނަގާނީ،" ޒުހައިރު ވިދާޅުވިއެވެ. މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ހާދިސާތަކާއި އެކްސިޑެންޓުތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ