އެޕަލްގެ އަހަރީ ކޮންފަރެންސް މާދަމާރޭ، ސިރީއަށް ބޮޑުބަދަލެއް!
އެޕަލް ކުންފުނީގެ އެންމެ ބޮޑު އަހަރީ ކޮންފަރެންސް، ޑަބްލިއުޑަބްލިއުޑީސީ 2026 މާދަމާރޭ އޮންނާނެއެވެ. ރާއްޖޭ ގަޑިން 22:00 ގައި ފެށުމަށް ތައްޔާރުވެފައިވާ، މި އަހަރުގެ އިވެންޓުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭނީ އެޕަލްގެ ވާޗުއަލް އެސިސްޓަންޓް "ސިރީ" އަށް ގެންނަ އިންގިލާބީ ބޮޑު ބަދަލަށެވެ. މާދަމާރޭގެ ހާއްސަ ކީނޯޓް އިވެންޓާއެކު ފެށޭ މި ކޮންފަރެންސް ކުރިއަށްދާނީ ޖޫން 12ގެ ނިޔަލަށެވެ. ކެލިފޯނިއާގެ އެޕަލް ޕާކުގައި ހުންނަ ސްޓީވް ޖޮބްސް ތިއޭޓަރުން މި އިވެންޓް ލައިވްކޮށް ދައްކާއިރު، މުޅި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި ޑިވެލޮޕަރުންނާއި އާންމުންނަށް މިއިވެންޓް އޮންލައިންކޮށް ހިލޭ ބަލާލެވޭނެއެވެ. މި ފަހަރުގެ ކޮންފަރެންސްގައި އެޕަލްގެ އުފެއްދުންތަކަށް ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމްތަކުގެ އާ ވާޝަންތައް ކަމަށްވާ އައިއޯއެސް 27، އައިޕެޑްއޯއެސް 27، މެކްއޯއެސް 27، ވޮޗްއޯއެސް 27، ޓީވީއޯއެސް 27 އަދި ވިޜަންއޯއެސް 27 ރަސްމީކޮށް ތައާރަފްކުރާނެއެވެ. ދުނިޔޭގެ އެތައް ހާސްބަޔަކު މިއިވެންޓަށް އިންތިޒާރުކުރާއިރު، ގިނަދިވެހިން ވެސްތިބީ ކެތްމަދުވެފައި ---- މި ހުރިހާ ސޮފްޓްވެއާ އަޕްޑޭޓްތަކެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ "އެޕަލް އިންޓެލިޖެންސް" ގެ ފީޗާތައް ކުރިއެރުވުމަށެވެ. ޚަބަރުތައް ބުނާގޮތުން ސިރީއަށް ގެންނަ ބޮޑު ބަދަލާއެކު، އައިއޯއެސް 27 ގައި ސިރީއަށް ފޯނުގެ ސްކްރީނުގައި ހުންނަ ކަންކަން އަމިއްލައަށް ދެނެގަނެ، އެޕްލިކޭޝަންތަކުގެ އެތެރޭގައި ސީދާ މަސައްކަތް ކުރުމުގެ ގާބިލުކަން ލިބޭނެއެވެ. މީގެ އިތުރުން ކްލޯޑް ނުވަތަ ޗެޓްޖީޕީޓީ ފަދަ ފުރިހަމަ ޗެޓްބޮޓެއްގެ ގޮތުގައި މަސައްކަތްކުރާ އާ ސިރީއެއް ފެނިގެންދާއިރު، ސިރީއަށް ހާއްސަ ވަކި އެޕްލިކޭޝަނެއް ފުރަތަމަ ފަހަރަށް ތައާރަފްކުރާނެ ކަމަށްވެސް ބެލެވެއެވެ. މިދިޔަ އަހަރު ތައާރަފްކުރި "ލިކުއިޑް ގްލާސް" ޑިޒައިނަށް އިތުރު ފުރިހަމަކަމެއް އައިއޯއެސް 27 އާއެކު ލިބިގެންދާނެއެވެ. ހަމައެއާއެކު، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާ އެޕަލްގެ ފުރަތަމަ ފަތްޖެހޭ ފޯނު "އައިފޯން ފޯލްޑް" އަށް ހާއްސަ ސޮފްޓްވެއާ ބަދަލުތަކެއްވެސް މި ސިސްޓަމްގައި ހިމެނޭނެއެވެ. ނަމަވެސް ފޯނާ ގުޅޭ ހާއްސަ ބައިތައް އެޕަލް އިން ރަސްމީކޮށް ދައްކާލާނީ ސެޕްޓެމްބަރު މަހުގެ އިވެންޓްގައެވެ. މާދަމާރޭގެ ކޮންފަރެންސް ނިމުމާއެކު، މި ހުރިހާ އޮޕަރޭޓިން ސިސްޓަމްތަކެއްގެ ފުރަތަމަ ބީޓާ ވާޝަންތައް ޑިވެލޮޕަރުންނަށް ލިބޭނެއެވެ. އަދި އާންމުންނަށް ޓެސްޓްކުރުމަށް ޖުލައި މަހު ޕަބްލިކް ބީޓާ ނެރުމަށްފަހު، ރަސްމީކޮށް ހުރިހާ ޔޫޒަރުންނަށް މި އަޕްޑޭޓްތައް ދޫކޮށްލާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ