ސަރުކާރު މަގުބޫލުކަން ގެއްލިއްޖެ، 2028 ކާމިޔާބުކުރާނީ އެމްޑީޕީން: ނަޝީދު

ރައީސް މުހައްމަދު މުއިއްޒުގެ "ނާގާބިލު" ސަރުކާރުގެ މަގުބޫލުކަން ގެއްލި، މިސްރާބު ހުރީ 2028 ގައި ނާކާމިޔާބީއާ ދިމާލަށް ކަމަށާއި އެ އިންތިހާބު ކާމިޔާބުކުރާނީ އެމްޑީޕީން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. 
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމަަށް ކެމްޕެއިން ކުރައްވަމުން އަންނަވާ ނަޝީދު މިހެން ވިދާޅުވީ ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި، މުއިއްޒަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކެއްގަ އެވެ.
ނަޝީދުގެ ވާހަކަ ފެެއްޓެވީ މި ހަފުތާ ބަންދުގައި ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަނުގެ ނާކާމިޔާބީ ގަބޫލުކުރަން ޕީއެންސީން ދެކޮޅުހަދާ މައްސަލައިގައި ފާޑުވިދާޅުވަމުންނެވެ.
އެ ގޮތުން ނަޝީދުގެ ތަގުރީރުތަކުގައި އާންމުކޮށް ގެންގުޅުއްވާ މަޖާޒު ބަހުރުވައިން ވާހަކަ ދައްކަވަމުން، ސަރުކާރު ތިން ބަލިން ބަލިވެ، "ތިންފަށް" ވެފައި ވާތީ މުއިއްޒު ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
މި ތިން ބަލި ކަމަށް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ވޯޓާއި ހިތަދޫ އުތުރުގެ ގޮނޑި އެވެ. މި އިންތިހާބުތަކުން ސަރުކާރު "ވަރަށް ބޮޑަށް" ބަލިވެފައިވާއިރު، ސަރުކާރުގެ މިސްރާބުހުރީ ނާކާމިޔާބިއާ ދިމާލަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
"މި ނާގާބިލު ސަރުކާރު، މަގުބޫލުކަން ގެއްލިފައިވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު، ދަތުރު އެ ކުރައްވަނީ ބަލި ވާން އަދި ހައްތަހާ އިތުރަށް. އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ކާމިޔާބުކުރާނީ މާ ތަނަވަސް އަގުލަބިއްޔަތަކުން،" ނަޝީދު ވިދާޅުވި އެވެ. 
އިންތިހާބު ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް ނަޝީދު ވިދާޅުވިއިރު، އެ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ އިއުލާންކުރައްވާފަ އެވެ. އޭގެ ބަދަލުގައި ވިސްނުންހުރީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފަދަ ޒުވާން ޖީލަށް ފުރުސަތު ދިނުމަށް ކަމަށް އެމަނިކުފާނު އެ ނިންމުން ހާމަކުރައްވަމަނުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ