ބަންގްލަދޭޝާ އެއްވަރުވެ ރާއްޖެ ފުލަށް، ކުޅިބަލަން ތިބި އަފްގާނިސްތާން ފައިނަލަށް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުން ބަންގްލަދޭޝްގެ ޒުވާން ޓީމާ ރާއްޖެ 1-1 އިން އެއްވަރުއިރު، ކުޅިބަލަން ތިބި އަފްގާނިސްތާނަށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ލިބިއްޖެ އެވެ. 
މިއަދު ހަވީރު ކުޅުނު މެޗުން އަފްގާނިސްތާން އަތުން 2-0 އިން މޮޅުވެ، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ޕާކިސްތާނުންނެވެ. މި މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން އަފްގާނިސްތާނާއި ޕާކިސްތާނާ ލަނޑެއް ނުޖެހި އެއްވަަރުވި، ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމަށް ފައިނަލަށް ދެވެން އޮތީ މިރޭ ރާއްޖެ ބަލިކޮށްގެންނެވެ. އެ ނޫން ނަތީޖާއެއް ނުކުމެގެން ފައިނަލަަށް ދަނީ، އަފްގާނިސްތާން އެވެ.  އެހެންކަމުން، އެއްވަރުވުމާ އެކު ކެޓީ އެވެ.
ފުރަތަމަ ދެ މެޗުން، އަގްނިސްތާން އަތުން 1-0 އިން ބަލިވެ، ދެ ވަނަ މެޗުން ޕާކިސްތާން އަތުން 3-0 އިން ބަލިވި ރާއްޖެ އަށް މިރޭގެ މެޗަށް ނުކުތްއިރު ވެސް އޮތީ ފައިނަލުގެ ދޮރު ބަންދުވެފަ އެވެ. 
ޑައިމަންޑް ޖުބިލީ މުބާރާތުގެ ލީގު ބުރުގެ ކުޅުން ނިމުނުއިރު، ރާއްޖެ ދިޔައީ ފުލަށެވެ. އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު ޕާކިސްތާން އެވެ. ދެ ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އަފްގާނިސްތާން އެވެ. ތިން ވަނަ އަށް ތިން ޕޮއިންޓާ އެކު، ބަންގްލަދޭޝް ދިޔައީރު، ފުލުގައި ނިންމި ރާއްޖެ އަށް ލިބުނީ ޕޮއިންޓެކެވެ. 
ގަލޮޅު ދަނޑުގައި މިރޭ ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ގަދަ އަޑުތަކާ އެކު ފެށުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިން ފުރަތަމަ ނުވަ މިނިޓް ތެރޭ ރާއްޖޭގެ އޭރިއާތެރެއިން ނުރައްކާތެރި ތިން ހަމަަލާއެއް ފޮނުވާލި އެވެ. އެކަމަކު، ރާއްޖޭގެ ގޯލުގައި ކުޅެމުންދިޔަ ހުސެއިން ޝަރީފް (ހުސެން) ރަނގަޅަށް ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ. އެ ގޮތުން، ރާބީ ހުސެއިން ރާހުލް އާއި ސޯރަވް ދޭވާންގެ ހަމަލާތައް ދިޔައީ ބޭރަށެވެ. 
ރާއްޖޭން ވަނީ ކައުންޓަ އެޓޭކުގައި ތަނަވަސްކުރި ފުރަތަމަ ރަނގަޅު ފުރުސަތުގައި ލިބުނު ޕެނަލްޓީ އަކުން ލީޑުނަގައިފަ އެވެ. މިއީ، މި މެޗުގެ ފުރަތަމަ އެގާރަ އަށް ގެނައި އެއް ބަދަލަކަށް ކުޅެންއެރި އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ވައްދާލައި، ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ، މި މެޗުގެ ކެޕްޓަންކަން ކުރި އަލީ ފާސިރު (ސެންޓޭ) އެވެ. ފުރަތަމަ ދެ މެޗުގައި ވެސް ސެންޓޭ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ. 
މެޗުގެ ރެފްރީ، އިންޑިއާގެ ސެރަކަން ސެންތިލްނަތަންގެ ނިންމުންތަކާ މެދު ބަންގްލަދޭޝްގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވެސް ނުރުހުން ފާޅުކުރަމުންދިޔައިރު، ބަންގްލަދޭޝްގެ މެނޭޖަރު، އެމްޑީ ޝާހީން ހަސަން އަށް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތެއް ދައްކަައިފަ އެެވެ. 
ރާއްޖޭގެ ކުރިއަށް ކުޅެމުންދިޔަ ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާން އަށް އޭރިއާތެރެއިން ލިބުނު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އެހެން ކުޅުންތެރިއަކަށް ދީގެން ފޮނުވާލެވޭތޯ ބެލި ނަމަވެސް ކާމިޔާބެއްނުވި އެވެ. ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ފަހު ހަމަލާ ފޮނުވާލީ އެ ޓީމުގެ ކެޕްޓަން، މަނިކް ހޮސެއިން މޮއްލާ އެވެ. އޭރިއާބޭރުން އޭނާ ފޮނުވާލި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. 
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ބަންގްލަދޭޝް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ، ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. މި ޕެނަލްޓީ އަކީ ރާއްޖޭގެ ތޯއިފް ގާސިމް (ތޯއްޕެ) އަތުގައި ބޯޅަ ޖެހުމުން ރެފްރީ ސެރަކަން ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ވައްދާލީ ބަންގްލަދޭޝްގެ ފުލްބެކް، މިރާޖުލް އިސްލާމް އެެވެ. 
އޭގެ ފަހުން، ރާއްޖޭން ވަނީ މެޗުގެ 58 ވަނަ މިނިޓްގައި، ސެންޓޭ އާއި ސާނޭގެ ބަދަލުގައި، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ކުޅެން އަރުވައިފަ އެވެ. ފޭދޫ އިއްބެ ކުޅެން އަރައި، އިލާން އަށް ދެ އެޓޭކެއްގައި ފުރުސަތު ތަނަވަސްކޮށްދޭން ބެލި ނަމަވެސް ރާއްޖެ އަށް ހަމަލާއެއް ފޮނުވާލެވޭގޮތެއްނުވި އެވެ. 
ތޯއްޕެ އަށް އަނިޔާވެގެން ބަދަލަކަށް ކުޅެން އެރި އަހުމަދު އައިހަމް (އައިހު) އެޓޭކަށް އަރައި، ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި އެކަން ކާމިޔާބެއްނުވި އެވެ.
މެޗުގެ 85 ވަނަ މިނިޓްގައި ފޭދޫ އިއްބެ ފޮނުވާލި ބޯޅައެއް އަމާޒުވީ ބަންގްަލަދޭޝްގެ ކީޕަރު، މެހެދީ ހަސަން ސަރަބޯން ވަނީ މަތަކޮށްފަ އެވެ. އަދި، އޭގެ ފަހުން، ފޭދޫ އިއްބެ އަށް ލިބުނު ފުރުސަތެއްގައި ޖެހި ބޯޅަ ވެސް ޖެހުނީ ކީޕަރު، ސަރަބޯން ގައިގަ އެވެ. 
އިތުރުަ ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓް ތެރޭގައި ވެސް ލަނޑެއް ޖެހޭގޮތެއްނުވިއިރު، ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އެވެ. އެ ގޮތުން، ލައިންސްމަން ކައިރިއަށް ގޮސް ހިތްހަަމަނުޖެހުން ފާޅުކުރި ގޮތުން، ބަދަލަަކަށް ފައިބައި ހުރި މިރާޖުލް އަށް ރަތް ކާޑެއް ދެއްކިއިރު، އެކަމާ ބެހޭގޮތުން އެޕީލްކުރަން ދިޔަ ބަންގްލަދޭޝްގެ އަލް އަމީން އަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. 
އޭގެ ފަހުން، ރާއްޖޭގެ ނައްސާހު އިބްރާހިމް ނާސިރު އާއި ބަންގްލަދޭޝްގެ ޑިފެންޑަރަކު ބޯޅަ އަށް އެޓެމްޕްޓް ކުރި ވަގުތު އެ ތަނުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، ސަޕޯޓަރުން ވެސް ދަނޑަށް އެރި އެވެ. އަދި، ހަަމަނުޖެހުން ބޮޑުވެ އެކަން ކޮންޓްރޯލް ކުރަން ފުުލުހުން ދަނޑަށް އެރި އެވެ. އިރުކޮޅަކަށް ފަހު މެޗު ނިންމާލަން ރެފްރީ ނިންމުމާ އެކު، ބަންގްލަދޭޝް ކުޅުންެތެރިން ވަނީ ރެފްރީ ވަށާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ