ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލުން ފަށައިފި

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ވޯޓުލުން މިއަދު ފަށައިފިއެވެ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ. އެ އިންތިޚާބުގެ ވޯޓުލުން މިއަދު 8:00ގައި ވަނީ ފަށައިފައެވެ. އެގޮތުން މީދޫގައި ބަހައްޓާފައިވާ ދެ ވޯޓުފޮއްޓަކާއި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއްގައި ވޯޓުލުން ވަނީ ފަށައިފައެވެ. އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 1049އަށް އަރައެވެ. މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާގައި، އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރަތަމަ އިއުލާނުކުރީ މީދޫ ކައުންސިލްގެ ރައީސްގެ މަގާމު އެއް ވޯޓުގެ ތަފާތުން ކާމިޔާބުކުރީ ސުހާ ކަމަށެވެ. އެއީ، 393 ވޯޓުންނެވެ. އެ ނަތީޖާއިން ދެއްކި ގޮތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެކަމަކު، ލ. ފޮނަދޫގައި ބެހެއްޓި ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލީކަން ފާހަގަވުމުން، އެމްޑީއޭއިން އެ މައްސަލަ އީސީއަށް ހުށަހެޅިއެވެ. އަދި، ޝާހިދަށް ލިބުނު ވޯޓުތަކުގެ ތެރޭގައި ބާތިލު ވޯޓެއް ހިމެނޭ ކަމަށް ބުނެ، ސުހާގެ ފަރާތުން ވެސް މައްސަލަ ޖެއްސިއެވެ. ޝަކުވާތައް ބެލުމަށް ފަހު، އީސީން ނިންމީ އެއް ވޯޓުގެ ތަފާތުން އިންތިޚާބު ކާމިޔާބުކުރީ އެމްޑީއޭގެ ޝާހިދު ކަމަށެވެ. އެކަމަކު، ސުހާއަށް ލިބުނު ވޯޓެއް ބާތިލުވެފައިވަނީ ކަރުދާހުގައި ފާހަގަ ޖަހާފައިވާ ދެލި ނޫން އެހެން ދެއްޔަކުން އެޅިފައިވާ ރޮނގަކުން ކަމަށް ބުނެ، އޭނާ ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ހައިކޯޓުން މިދިޔަ މަހުގެ 14ގައި ވަނީ ސުހާއަށް ލިބުނު ވޯޓުގެ ތެރެއިން އީސީން ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. އަދި، އެ އިސްލާހުތަކާއެކު އަލުން ނަތީޖާ އިއުލާނުކުރަން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާއެކު، މީދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރި ސުހާއާއި ޝާހިދަށް ވެސް ލިބުނީ 392 ވޯޓެވެ. އަދި ނަތީޖާ އެއްވަރުވުމުން އެ ރަށުގެ ކައުންސިލް ރައީސް ހޮވަން އަލުން ވޯޓު ނަގަން ޖެހުނީއެވެ. https://sun.mv/223192 ފާހަގަކޮށްލެވޭ ގޮތުގައި، ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން މިދިޔަ މަހުގެ 13ގައި ހައިކޯޓުން ވަނީ މ. ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ލީ ތިން ވޯޓެއް ބާތިލުކަމަށް ވެސް ހުކުމްކޮށްފައެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންވެ، ހައިކޯޓުގެ ހުކުމާ އެކު 119 ވޯޓުން އިންތިޚާބު ކާމިޔާބުވީ ޕީއެންސީގެ ކެންޑީޑޭޓް މުހައްމަދު ނަޒީހެވެ. އެހެންނަމަވެސް، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ. އެއާއެކު، އެމްޑީޕީއަށް އަލުން ވަނީ ކައުންސިލް ގޮނޑި ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ