އިދިކޮޅު އެމްޑީޕީއާ ވާދަކޮށް ސަރުކާރު ހިންގާ ޕީއެންސީ ބަލިވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ލިބުނީ ތާރީހީ ނަތީޖާއެއް ކަމަށް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ދ. މީދޫގައި ޕީއެންސީން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހިތަދޫ ބައި-އިލެކްޝަނުން ޕީއެންސީ ބަލިވިޔަސް ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެކަމަށްޓަކައި އެ ތާރީހީ ނަތީޖާ ހޯދައިދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އިންތިހާބެއް [ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން] އަޅުގަނޑުމެންނަށް ކާމިޔާބެއް ނުވޭ. ކާމިޔާބެއް ނުވި. އަޅުގަނޑުމެންނަށް ގޮނޑި ނުލިބޭ. އެހެންނަމަވެސް ވަރަށް ވަރަށް ވަރަށް ކާމިޔާބީ މަސައްކަތްތަކެއް ކުރެވުނު. ހަމަ ސުމަކުން ފަށައިގެން ކަހަލަ ގޮތަކަށް ވަރަށް އިހްލާސްތެރި ބުރަ މަސައްކަތްތަކެއް ވަރަށް ގިނަ ބޭފުޅުން ކުރެއްވެވި،" މުއިއްޒު ވިދާޅުވި އެވެ.
"ހަމަ އެކަމަށްޓަކައިވެސް އެ އިންތިހާބުގައި އެ މަސައްކަތް ކޮށްދެއްވާ އެ ތާރީހީ ނަތީޖާތައް ނެރެދެއްވި ހުރިހާ ބޭފުޅުންނަށް، ވޯޓު ދެއްވި ހުރިހާ ބޭފުޅުން ހިމެނޭހެން އަޅުގަނޑު ހަމަ ހިތަދޫ އުތުރު ދާއިރާގެ ރަރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން،"
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ ކާމިޔާބުކުރި ނަމަވެސް، މިއީ ޕީއެންސީއަށް ލިބުނު ކާމިޔާބެއް ގޮތުގައި ދައްކަން ސަރުކާރުން ދަނީ މަސައްކަތްކުރަމުން. މުޅި ސަރުކާރު ކެމްޕެއިނަށް ނުކުމެ ނުފޫޒު ފޯރުވަން މަސައްކަތް ކުރި ނަމަވެސް، ރައްޔިތުން ވަނީ ސަރުކާރަށް ނޫނެކޭ ބުނެފައި.
ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ސޯބެ ކާމިޔާބުކުރީ 62 ވޯޓުގެ ތަފާތަކުންނެވެ. އޭނާއަށް ޖުމްލަ 1375 ވޯޓު ލިބުނުއިރު، ޕީއެންސީގެ ޓިކެޓުގައި ވާދަކުރި އަހްމަދު ސައީދު (ސޮޑާ) އަށް ލިބުނީ 1313 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑިއަށް ކުރިން އިންތިހާބުވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް ސާބިތުވެ އޭނާގެ ގޮނޑި ގެއްލުމުންނެވެ. މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބު ސިނާނު ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އަސްލަމަށްވުރެ 241 ވޯޓު އިތުރަށް ހޯދައިގެންނެވެ.
އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ސޮޑާ ވެސް ވާދަކުރި އެވެ. އޭނާއަށް އެފަހަރު ލިބުނީ 306 ވޯޓެވެ. އޭރު ސިނާނަށް ލިބުނު ވޯޓާއި ސޮޑާއަށް ލިބުނު ވޯޓު އެއްކޮށްލުމުން 1،385 ވޯޓު ލިބެ އެވެ. މިގޮތުން ބައި-އިލެކްޝަންގައި އެ އަދަދަށް ވެސް ޕީއެންސީއަށް ވޯޓެއް ނުލިބުނެވެ.
ނަމަވެސް އެމްޑީޕީން ވަނީ މިފަހަރުގެ ބައި-އިލެކްޝަންގައި އެ ޕާޓީއަށް 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ލިބުނު 838 ވޯޓުގެ އިތުރަށް 537 ވޯޓު ހޯދާފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ލިބުނީ ތާރީހީ ނަތީޖާއެއް ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ