ކްލަބް މޯލްޑިވްސް ކިޑްސަލްގެ ފައިނަލަށް އެލީޓް އެކަޑަމީއާއި އެސްޕަޔާ އެކަޑަމީ
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކިޑްސަލް 2026 ގެ ފައިނަލަށް އެލީޓް އެކެޑަމީ އާއި އެސްޕަޔަރ އެކެޑަމީ ދަތުރުކޮށްފިއެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ. މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އެލީޓުން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން 6-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ކްލަބް މޯލްޑިވްސް ކިޑްސަލް 2026 ގައި އެލީޓާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ މި މެޗުގައި އެލީޓުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރައުޝަމް ރަމީޒް، ކިޔާން ބިން އަލީ ރަޒީ، އާދު ބިން މުޙައްމަދު ނިޔާޒް އަދި ޔޫސުފް ލުގްމާން ނަސީމެވެ. މީގެ ތެރެއިން ރައުޝަމް އާއި އާދު ވަނީ، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ނިއު ރޭޑިއަންޓުގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި ރާއިޝް ރަމީޒާއި، ޔޫސުފް ލާއިގު އިބްރާހީމެވެ. ކްލަބް މޯލްޑިވްސް ކިޑްސަލް 2026 ގައި އެލީޓާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ؛ ފޮޓޯ މާސްޓާ މީގެ އިތުރުން މި މުބާރާތުގެ ފައިނަލަށް އެސްޕަޔަރ ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ކުލަބު ވެލެންސިއާ އަތުން 10-5 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި އެސްޕަޔަރގެ އަޙްމަދު އާހިލް ހުސައިން ހަތަރު ލަނޑު ޖެހިއިރު، ޔަލްސަން ބިން ހިސާން ވަނީ ހެޓްރިކެއް ހަދާފައެވެ. ވެލެންސިއާގެ މުޙައްމަދު ލީވާން އަލީ އަތުން ބައިކޮޅަށް ލަނޑެއް ވަންއިރު، އެސްޕަޔަރގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މީކާ މުޙައްމަދު ކަލީމް އާއި އަޙްމަދު ޔާލް ޝުޖާއުއެވެ. މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި އިބްރާހީމް އިލްޔާސް ބިން ހަސަން އާއި ދެ ލަނޑު ކާމިޔާބުކުރި އަލީ އަޒީން އާދިލެވެ. ކްލަބް މޯލްޑިވްސް ކިޑްސަލް 2026 ގައި އެސްޕަޔާ އެކަޑަމީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ؛ ފޮޓޯ މާސްޓާ މި ނަތީޖާތަކާއެކު ކިޑްސަލްގެ ފައިނަލަށް އެލީޓް އާއި އެސްޕަޔަރ ދަތުރުކުރިއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:15 ގައެވެ. މި މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަން ޕްލޭއިންވެސް ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ