މަސައްކަތަށްފަހު އިހުސާސްވާ ނުތަނަވަސްކަމުން ދުރުވުމަށް މިކަންކަން ކޮށްލާ
ދުވަހުގެ ބުރަ މަސައްކަތަށްފަހު ސިކުނޑިއަށް އިހުސާސްވާ ނުތަނަވަސްކަމުން ދުރުވުމަކީ ގިނަ ބަޔަކަށް ދަތިކަމެކެވެ. ނަމަވެސް، ހިތުގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޝްރީރާމް ނޭނޭ ގަބޫލުކުރައްވާ ގޮތުގައި، ގެއަށް ވަނުމުގެ ކުރިން މިނެޓެއްގެ ވަގުތުކޮޅެއް ހޭދަކޮށްލައިގެން މީހާގެ މިޒާޖު ބަދަލުކޮށްލުމަށް އެހީތެރިވެދޭނެ އުކުޅެއް އެބައޮތެވެ. ޑރ. ޝްރީރާމް މިކަމަށް ދެއްވާފައިވާ ނަމަކީ "ޑޯވޭ ޑިކޮމްޕްރެޝަން ޓެކްނީކް" ނުވަތަ ދޮރުމަތީގައި ހުރެ ނުތަނަވަސްކަން ފިލުވާލުމުގެ އުކުޅެވެ. އެކްސްގައި އޭނާ ހިއްސާކުރެއްވި މި ފަސޭހަ ނޭވާލާ ކަސްރަތަކީ ދުވަހުގެ ބުރަ މަސައްކަތާއި ރޭގަނޑުގެ އަރާމު ވަގުތާ ދެމެދު ނަފްސާނީ ހުރަހެއް ނުއުފެއްދުމަށް ފަރުމާކޮށްފައިވާ ކަމެކެވެ. މީގެ މައިގަނޑު އަސާސަކީ، ބުރަ ދުވަހަކަށްފަހު ގެއަށް ވަނުމުގެ ކުރިން، ދޮރުމަތީގައި މަޑުކޮށްލުމަށްފަހު މަޑުމަޑުން ހަ ފަހަރު ނޭވާލުމެވެ. ހަތަރު ސިކުންތު ވަންދެން ނޭވާ އެތެރެއަށް ހިފަހައްޓާލުމަށްފަހު، ހަ ސިކުންތު ވަންދެން ބޭރަށް ދޫކޮށްލުމަށް އިންޑިއާގެ ބަތަލާ މަދޫރީ ޑިކްސިޓްގެ ފިރިމީހާ ޑރ. ޝްރީރާމް ވަނީ އިރުޝާދު ދެއްވާފައެވެ. ފުންކޮށް މަދު ފަހަރަކު ނޭވާލުމުން އިހުސާސްވެފައިވާ ވަރުބަލިކަން ފިލުމަށް އެހީތެރިވެދީ އަމިއްލަ ނަފުސަށް އުފާވެރިކަން އިހުސާސްކޮށްދޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، ފުންކޮށް މަދު ފަހަރަކު ނޭވާލުމުން ވެސް އިހުސާސްވާ މި ވަރުބަލިކަމަށް ބޮޑު ބަދަލެއް އާދެއެވެ. އައިއެސްއައިސީ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލްގެ އިންޓަނަލް މެޑިސިން އެންޑް ރެސްޕިރޭޓަރީ ސަވިސަސްގެ ޑައިރެކްޓަރު، ޑރ. (ކޮލޮނަލް) ވިޖޭ ދައްތާ ވިދާޅުވި ގޮތުގައި، މި އުކުޅަކީ މަސައްކަތުގެ ބުރަކަމުން މިންޖުވެ، ގޭތެރޭގެ ހަމަޖެހޭ މާހައުލަށް ދިއުމަށް ބޭނުންކުރެވިދާނެ ފަސޭހަ އަދި ނަތީޖާ ފެންނަ ގޮތެކެވެ. އޭނާ ތަފްސީލުކޮށްދެއްވި ގޮތުގައި، ގެއަށް ވަނުމުގެ ކުރިން ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލުމުން މަސައްކަތުގެ ސްޓްރެސްއާއި އަމިއްލަ ދިރިއުޅުމާ ދެމެދު ނަފްސާނީ ހުރަހެއް އުފެދެއެވެ. "މިނެޓެއްހާއިރު ސަމާލުކަން ދީގެން ނޭވާލުމުން، ހާސްކަން ކުޑަވެ، ގޭތެރެއަށް ވަންނައިރު މީހާ ހަމަޖެހި، އާއިލާއަށް ދޭންވާ ސަމާލުކަން ފުރިހަމައަށް ދިނުމަށް މަގުފަހިވޭ،" ޑރ. ވިޖޭ ދައްތާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މި އާދަ އަކީ، މަސައްކަތުގެ މާހައުލުގައި ހުންނަ ނުތަނަވަސްކަން ގޭތެރެއަށް ގެންދިއުމުގެ ބަދަލުގައި، އާއިލާގެ މެންބަރުންނާ ބައްދަލުވުމުގެ ކުރިން ނަފްސު ތާޒާކޮށްލުމަށް ފުރުސަތު ލިބޭ ކަމެއްގެ ގޮތުގައި ޑރ. ވިޖޭ ދައްތާ ސިފަކުރައްވައެވެ. މިނެޓެއްހާއިރު ސަމާލުކަން ދީގެން ނޭވާލުމުން، ހާސްކަން ކުޑަވެ، އާއިލާއަށް ދޭންވާ ސަމާލުކަން ފުރިހަމައަށް ދިނުމަށް މަގުފަހިވޭ--ފޮޓޯ/އިންޑިއާޓުޑޭ ގްލެނީގަލްސް ހޮސްޕިޓަލްގެ ޑިޕާޓްމަންޓް އޮފް ޕަލްމޮނޮލޮޖީ އެންޑް ލަންގް ޓްރާންސްޕްލާންޓްގެ ޑައިރެކްޓަރު، ޑރ. ސަމީރު ގާޑޭ ވިދާޅުވި ގޮތުގައި، ސަމާލުކަން ދީގެން ފުންކޮށް ނޭވާލުމުން ނޭވާލާ ރޭޓް ދަށްވެ، ހާސްކަމާ އެކު އަންނަ ނޭވާ ކުރުވުމުގެ އިހުސާސް ކުޑަކޮށްދީ ހަށިގަނޑު ހަމަޖައްސައިދެއެވެ. އަދި މީގެ ސަބަބުން ހަށިގަނޑުގެ އޮކްސިޖަން ބަދަލުކުރުމުގެ ނިޒާމު ރަނގަޅުވެ، ސްޓްރެސްގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައް ކުޑަކޮށްދޭ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. ޑރ. ވިޖޭ ދައްތާ ފާހަގަކުރެއްވި ގޮތުގައި، މަޑުމަޑުން ކޮންޓްރޯލްކޮށްގެން ނޭވާލުމުން ލިބޭ ހަމަޖެހުމަކީ ސައިންޓިފިކް ދިރާސާތަކުން ސާބިތުވެފައިވާ ކަމެކެވެ. މިއީ ހަމައެކަނި ހީވާ ހީވުމެއް ނޫނެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ދިގުކޮށް ނޭވާ ބޭރަށް ދޫކުރުމުން 'ޕެރާސިމްޕަތެޓިކް ނާވަސް ސިސްޓަމް' ހަރަކާތްތެރިވެއެވެ. މިއީ ހަށިގަނޑު އަރާމުކުރުމަށާއި ހަޖަމުކުރުމަށް އެހީތެރިވެދޭ ނިޒާމެވެ. މީގެ ސަބަބުން ހަށިގަނޑު ސްޓްރެސްގެ ހާލަތުން ހަމަޖެހުމުގެ ހާލަތަށް ބަދަލުކޮށްދެއެވެ. ދޮރުމަތީގައި ހުރެ ނުތަނަވަސްކަން ފިލުވާލުމުގެ މި އުކުޅަކީ ދާއިމީ ސްޓްރެސްއަށް އޮތް ފަރުވާއެއް ނޫން ނަމަވެސް، މިއީ މަސައްކަތާއި އަމިއްލަ ދިރިއުޅުމާ ދެމެދު ފާރެއްލުމަށް ކުރެވިދާނެ ވަރަށް ބޭނުންތެރި ކަމެކެވެ. މިއީ މިނެޓަކަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެއްވެސް އިތުރު ސާމާނަކާ ނުލައި ކުރެވިދާނެ ކަމަކަށް ވާތީ، މިއީ ސްޓްރެސް މެނޭޖްކުރުމަށް އެންމެ ފަސޭހައިން ކުރެވިދާނެ އެއް ކަންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ