ލާއޯސްގެ ހޮހަޅައެއްގައި ތާށިވި މީހުންގެ ތެރެއިން ފަސް މީހުން ސަލާމަތްކޮށްފި

ލާއޯސްގެ ފެންބޮޑުވެފައިވާ ހޮހަޅައެއްގެ ތެރޭގައި މީގެ 10 ދުވަސް ކުރިން ތާށިވި ހަތް މީހުންގެ ތެރެއިން ފެނުނު ފަސް މީހުން ދިރިތިއްބާ ސަލާމަތްކޮށްފި އެވެ. 
މި މީހުންގެ ތެރެއިން ހަތަރު މީހަކު ހޮނިހިރު ދުވަހު ސަލާމަތްކުރި އިރު އިއްޔެ ވަނީ އެކަކު ސަލާމަތްކޮށްފަ އެވެ. ނަމަވެސް އަނެއްދެ މީހުން އަދިވެސް ނުފެނެ އެވެ. 
މެލޭޝިއާގެ ރެސްކިއު ޑައިވަރެއް ކަމަށްވާ ލީ ކިއަން ލީ، މީހަކު މެދުވެރިކޮށް އޭއެފްޕީއަށް ބުނީ، ހޮހަޅައިގެ ތެރެއިން ފެން ހިންދާލުމަށް ފަހު އެ ހަތަރު މީހުން ސަލާމަތްކުރެވިފައިވާ ކަމަށެވެ. އޭނާ ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ވަގުތީ ފޭލިގެއެއްގައި ރެސްކިއު ޓީމުތަކުން ދިޔައީ ހަތަރު މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
"އެންމެ މުހިންމު ކަމަކީ އެ މީހުން ބޭރަށް ނެރެވުން،" ލީ ބުންޏެވެ.
ވީނުވީއެއް ނޭނގިފައިވާ ދެ މީހުންގެ ހާލަތާ ބެހޭގޮތުން އެއްޗެއް ބުނަން އޭނާ ބޭނުމެއް ނުވި އެވެ.
މި މީހުން ހޮހަޅައިގެ ތެރޭ ތާށިވީ މި މަހުގެ 20 ވަނަ ވަނަ ދުވަހު، ރަން ހޯދަން އެތަނުގެ ތެރެއަށް ވަދެ އުޅެނިކޮށް ބޯކޮށް ވާރޭވެހި، ކުއްލިއަކަށް ފެންބޮޑުވެ ހޮހަޅައިގެ ދޮރު ބަންދުވެގެންނެވެ.
އޮފިޝަލުން ބުނާ ގޮތުގައި، ސަލާމަތްކުރެވުނު ފަސް މީހުން ފެނިފައިވަނީ ހޮހަޅައިގެ ދޮރުން ފެށިގެން ގާތްގަނޑަކަށް 300 މީޓަރު (984 ފޫޓު) އެތެރޭގައި ހުރި ހަނި ބައެއްގެ ތެރޭގައި ތިއްބަ އެވެ. 
މި އޮޕަރޭޝަނުގައި އެންމެ ބޮޑަށް ކުރި ކަމަކީ ހޮހަޅައިގެ ތެރެއަށް ވަދެފައިވާ މޫސުމީ ވިއްސާރައިގެ ފެންގަނޑު ޕަންޕުޖަހައިގެން ބޭރުކުރުމެވެ. މި މަސައްކަތަށް އެހީވުމަށް ތައިލެންޑް، ފްރާންސް، އިންޑޮނީޝިއާ އަދި އޮސްޓްރޭލިއާގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމުތައް ލާއޯސްއަށް ގޮސްފައިވެ އެވެ.
ލާއޯ ސައިޗައި ފައުންޑޭޝަނުން ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައި، ހުކުރު ދުވަހު ސަލާމަތްކުރި "މިއުޑް" ނަމަކަށް ކިޔާ މީހާ ބުނެފައިވަނީ، ގެއްލިފައިވާ އަދި ނުފެންނަ ދެ މީހުން ތިބީ އޭނާއަށްވުރެ 500 އެއްހާ މީޓަރު އަޑީގައި ކަމަށެވެ. އެ މީހުން ދިރިތިބޭނެތޯ އެހުމުން އޭނާ ބުނީ އެ ހިސާބު ވަރަށް ފިނިވާނެ ކަމަށާއި އެހެންވެ އެ މީހުންގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ.
 ތައިލެންޑުގެ ހޮހަޅައެއްގައި 2018 ވަނަ އަހަރު ތާށިވި ކުޑަކުދިންގެ ފުޓްބޯޅަ ޓީމު ސަލާމަތްކުރި ބޮޑު އޮޕަރޭޝަނުގެ ހަނދާން މި ހާދިސާއާ އެކު ވަނީ އާވެފަ އެވެ. އެފަހަރުގެ އޮޕަރޭޝަނުގައި ބައިވެރިވި ދެ ޑައިވަރަކު ވެސް މިހާރު ދަނީ ލާއޯސްގެ މި އޮޕަރޭޝަނުގައި ވެސް ބައިވެރިވަމުންނެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ