ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ: ފައްޔާޒް

‏ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހަންކެޑަ ހަލާލު ޓޫރިޒަމަށް ތަަރައްގީ ކުރާ ރަށެއް ގޮތުގައި ކަނޑައެޅުމާއި ގުޅިގެންނެވެ.
ފައްޔާޒު ވިދާޅުވީ އައްޑޫއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް އެމްޑީޕީން ޔަގީންކޮށްދީފައި ވަނިކޮށް، ހަންކެޑެ ހަލާލް ޓޫރިޒަމަށް މި ހާއްސަކުރީ އެ މަޝްރޫއު ކުރިއަށްނުގެންގޮސް ހުއްޓައިލުމަށް ކަމަށެވެ.
އަދި ވިދާޅުވީ ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެ ކަމަށެވެ.
“އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓގައި ހިއްކާފައިވާ ރަށްރަށް ހަލާލް ޓޫރިޒަމަށް ހާއްސަ ކުރެވިދާނެ. އެ ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު ހުއްޓުވައިލަން މި ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް،” ފައްޔާޒު ވިދާޅުވި އެވެ.
‏ހަންކެޑެ މަޝްރޫއުއަކީ ހުރިހާ ޕްލޭނެއް ނިމިފައިވާ އަދި ފައިސާ ހަމަޖެހިފައިވާ އައްޑޫގެ ޓޫރިޒަމް އަދި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއުއެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އަދިވެސް އެ ފައިސާ ރާއްޖެ ގެނެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
“އެކަން ވެސް ކުރެވިފައި ނުވޭ. މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް. އައްޑޫގެ ރައްޔިތުން އިގުތިސޯދީ ގޮތުން ބާރުވެރި ކުރުވުމުގެ ތަސައްވުރު އޮތީ އެމްޑީޕީގައި،” ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު މިހެން ވިދާޅުވި ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ފަސް އަހަރު އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމުގައި އެމްޑީޕީ ސަރުކާރަށް އެދެވޭ އެއްވެސް ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ