އަވައްޓެރި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންވަން ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށެވެ. ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 29، 1965 ގަ އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުގައި ޑިސަނަޔަކެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލުކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެ އެވެ.
ލަންކާގެ ރައީސްގެ މި ދަތުރާ ދިމާކޮށް، ރާއްޖެ އާއި ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް ޒޯނެއް އަދި ފްރީ މޫވްމަންޓް ޒޯނެއް ގާއިމް ކުރުމުގެ މަސައްކަތް ދެ ގައުމުން ވަނީ ފަށާފަ އެވެ. މިކަމުގެ ތަފުސީލު ދަތުރުގެ ތެރެއިން ހާމަކުރާނެ ކަމަށް ބެލެވެ އެވެ.
ފްރީ އިކޮނޮމިކް ޒޯނުގެ ސަބަބުން ދެ ގައުމުގެ މެދުގައި އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލަށް ވަރަށް ބޮޑެތި ޓެކްސް ލުއިތަކެއް ލިބޭނެ އެވެ. ފްރީ މޫވްމަންޓް ޒޯނުގެ ސަބަބުން، ބޯޑާ ކޮންޓްރޯލަށް ލުއިތަކެއް ލިބި، އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރަން އިންތިހާ ލުއި ލިބޭނެ އެވެ.
ލަންކާ ރައީސްގެ ދަތުރާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ދިވެހި ހާރިޖިއްޔާއިން ވެސް ބަހެއް ބުނެފައެއް ނުވެ އެވެ. މިއީ މި ވެރިކަމުގައި ގައުމެއްގެ ވެރިޔަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރައް ވުން ގާތެވެ.
މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ވެސް މީގެ ކުރިން ރިޕޯޓުކުރި އެވެ. ނަމަވެސް އެ ދަތުރާ ގުޅޭގޮތުން އޭގެފަހުން އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
ސްރީލަންކާގެ ރައީސް ޑިސަނަޔަކެ އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ ސްރީލަންކާގެ ރައީސް ޑިސަނަޔަކެ އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ