އަނޫޕަމްގެ ފިލްމު "ތަންވީ'"އަކީ ހުވަފެން ހަގީގަތަކަށް ހަދަން ބޭނުންވާ ކުދިންނަށް ޚާއްސަ ފިލްމެއް

މި އަންނަ މަހުގެ 18ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ތަންވީ: ދަ ގްރޭޓް"އަކީ ކުޑައިރުއްސުރެ ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ ކުދިންނަށް ޚާއްސަ ފިލްމެއް ކަމަށް އަނޫޕަމް ހޭރު ބުނެފިއެވެ. މި ފިލްމަކީ 23 އަހަރު ފަހުން އަނޫޕަމް އަމިއްލައަށް ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސްދޭ ފިލްމެކެވެ. ދާދިފަހުން ބޭއްވި މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި މި ފިލްމުގެ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު މި ފިލްމު ވަނީ ނިއު ޔޯކް އިންޑިއާ ފިލްމު ފެސްޓިވަލުގައި ސްކްރީން ވެސް ކޮށްފައެވެ. މި ފެސްޓިވަލުގައި ބޭއްވި ހާއްސަ ސްކްރީނިންގްއަށްފަހު ފިލްމު ބަލަން އެއްވެ ތިބި އޯޑިއަންސްގެ ޚާއްސަ "ސްޓޭޑިންގް އޮވޭޝަން"އެއް ފިލްމަށް ވަނީ ލިބިފައެވެ. މި ފިލްމުގައި ގެނެސްދޭ ވާހަކަ ބިނާކޮށްފައި ވަނީ އޯޓިޒަމް ހުންނަ ޅަ ކުއްޖަކު އޭނާގެ ބައްޕަ ދުށް ހުވަފެންތަކެއް ހަގީގަތަކަށް ހެދުމަށް ހިތްވަރާ އެކު ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. ފިލްމު "ތަންވީ:ދަ ގްރޭޓް"ގެ މަންޒަރެއްގައި އެކްޓަރު އަނޫޕަމް ހޭރް--ފޮޓޯ/ޓެލެގްރާފްއިންޑިއާ މި ފިލްމަކީ ހަމައެކަނި ފިލްމުގައި ގެނެސްދޭ ކެރެކްޓަ "ތަންވީ"ގެ ވާހަކަ ކިޔައިދޭ ފިލްމެއް ނޫން ކަމަށާއި މިއީ ތަފާތުތަކާއެކު ވެސް ހުވަފެން ހަގީގަތަކަށް ހަދަން ބޭނުންވާ ކުޑަކުދިންނަށް އަނޫޕަމްކުރާ ސެލިއުޓެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. މިއީ ހަމައެކަނި އެ ކުއްޖަކަށް ލިބިފައިހުރި އުނިކަން ދައްކުވައިދިނުމުގެ ބަދަލުގައި އެފަދަ ކުދިންގެ ކިބައިގައި ހުރި ހިތްވަރާއި ކަންކަން ހާސިލުކުރުމުގެ ގާބިލުކަން ބެލުންތެރިންނަށް ދައްކުވައިދޭނެ ފިލްމެއް ކަމަށް ފިލްމުގެ ޚާއްސަ ރޯލަކުން ވެސް ފެންނަ އެކްޓަރު ވަނީ ބުނެފައެވެ. އަނޫޕަމް އެންމެ ފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2002ވަނަ އަހަރު ރިލީޒްވި ފިލްމު "އޯމް ޖެއި ޖަގްދީޝް"އެވެ. އެ ފިލްމަކީ އަނޫޕަމްގެ ކެރިއަރުގައި މިހާތަނަށް ކުރި އެންމެ މުހިއްމު އެއް މަސައްކަތް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ފިލްމު "ތަންވީ: ދަ ގްރޭޓް"އިން ފެންނާނެ މުހިއްމު ތަރިންގެތެރޭ ޝުބާންގީ ދަތު، ބޮމަން އިރާނީ، ޖެކީ ޝްރޮފް، އަރުވިންދު ސުވާމީ، ޕައްލަވީ ޖޯޝީ، ކަރަން ޓެކާ އަދި ނައްސަރު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ