ހުޅުމާލޭގައި ގާއިމުކުރި 30 އެނދުގެ ޑަޔަލިސިސް ސެންޓަރު ހުޅުވައިފި އެވެ.
ހުޅުމާލޭގައި ގާއިމުކުރި ޑަޔަލިސިސް ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެވެ.
ޑަޔަލިސިސް ސެންޓަރު ގާއިމު ކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާ ބިލްޑިންގަ އެވެ. އެ ސެންޓަރުގެ މަސައްކަތް ފެށީ ހުޅުމާލެ ހޮސްޕިޓަލުގައި ދެމުންދާ ޑަޔަލިސިސްގެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
ޑަޔަލިސިސްގެ ހިދުމަތަކީ ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ގަވާއިދުން ދޭން ޖެހޭ ފަރުވާ އެކެވެ. އެ ފަރުވާ ދިނުން ލަސްވެއްޖެ ނަމަ އެކި ކަހަލަ ސިއްހީ މައްސަލަތައް ދިމާވެ ފުރާނައަށް ވެސް ނުރައްކާވާ ހާލަތްތައް މެދުވެރިވެ އެވެ. މީގެ ކުރިން ޑަޔަލިސިސްގެ ހިދުމަތް ދެމުން ދިޔައީ ހުޅުމާލެ ހޮސްޕިޓަލުގައި ހުރި 10 އެނދުގެ ޑިޕާޓްމެންޓަކުންނެވެ.
ހުޅުމާލެ ޑަޔަލިސިސް ސެންޓަރު ހުޅުވުމާއެކު ދުވާލަކު 150 އެއްހައި މީހުންނަށް މަދުވެގެން ޑަޔަލިސިސްގެ ހިދުމަތް ދެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވައިލަން ބޭނުންވޭ މި ގާއިމު ކުރެވުނު ޑަޔަލިސިސް ސެންޓަރުގައި އިރާދަކުރެއްވީތީ ދެ ދަންފަޅިއަކަށް އަޅުގަނޑުމެން ހިދުމަތް ދިނަސް، ދުވާލެއްގެ މައްޗަށް އަޅުގަނޑުމެންނަށް 150 އެއްހައި މީހުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ،" ހަލީމް ވިދާޅުވި އެވެ.
"އުފަލާއެކީގައި ދަންނަވައިލަން ބޭނުންވޭ މިއަދުން ފެށިގެން ހުޅުމާލޭގައި އަދި މާލެ ސިޓީގައި ޑަޔަލިސިސް ހިދުމަތް ބޭނުންވެގެން އެއްވެސް ބޭފުޅަކު ކިއުގައި މަޑުކުރާކަށް ނުޖެހޭނެ."
ހުޅުމާލޭގައި މިއަދު ހުޅުވި ޑަޔަލިސިސް ސެންޓަރު ހިންގާނީ ހުޅުމާލެ ހޮސްޕިޓަލުގެ ދަށުންނެވެ.
ހުޅުމާލޭގައި ގާއިމުކުރި ޑަޔަލިސިސް ސެންޓަރު ހުޅުވައިފި ހުޅުމާލޭގައި ގާއިމުކުރި ޑަޔަލިސިސް ސެންޓަރު ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ