ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީ ޒޯނަކާ އެކު އިތުރު ހިދުމަތްތަކެއް ފަށައިފި

ޑިއުޓީ ފްރީ ޒޯނަކާ އެކު ހދ. ކުޅުދުއްފުށި ޕޯޓުގައި އިތުރު ހިދުމަތްތަކެއް ތައާރަފު ކޮށްފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފު ކުރި މި ހިދުމަތްތަކަކީ މިދިޔަ މެއި މަހު އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދެމެދު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުން ތައާރަފު ކުރި ހިދުމަތްތަކެކެވެ.
ތަފްސީލް - އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލް އިން މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ކުޅުދުއްފުށި ޕޯޓުގައި އަލަށް ތައާރަފު ކުރި ހިދުމަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ޒޯނެއް ގާއިމްކޮށް، ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް އަދި އަސާސީ މުދާ ޑިއުޓީ ނުދައްކާ ރައްކާކުރުމަށް ބޮންޑެޑު ސަރަހައްދެއް ގާއިމް ކުރާނެ ކަމަށެވެ.
މީގެ އިތުރުން:
އުތުރުގެ ރިސޯޓުތަކަށް އަމާޒުކޮށް ބޮންޑެޑް ވެއާހައުސްގެ ހިދުމަތް އެ ޕޯޓުގައި ވަނީ ގާއިމްކޮށްފައި
އަތޮޅުތެރެއަށް މުދާ ގެންދިއުން ފަސޭހަކުރުމަށް ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން މުދާ ބަލާނެ ސަރަހައްދެއް ވަނީ ހުޅުވާފައި
އިމާރާތްކުރުމަށް ހާއްސަ ހިލަ އާއި ހިލަވެލި ފަދަ ސާމާނު ގަނޑުކޮށް ރައްކާ ކުރުމަށް ހާއްސަ ސަރަހައްދެއް ވެސް ގާއިމްކޮށްފައިވޭ
މި ހިދުމަތްތަކާ އެކު އުތުރުގެ ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޕީއެލް އާއި އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ހާއްސަކޮށް، ވިޔަފާރިވެރިން މުދާ އެއް ތަނުން އަނެއް ތަނަށް އުފުލުމަށް ކުރާ ހޭދަ ކުޑަވެ، ބާޒާރުގެ އަގުތައް ހަމައަކަށް އެޅުމަށް މީގެ ސަބަބުން މަގުފަހިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ޑިމާންޑަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ހިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށި ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަހައްދު ފުޅާކޮށް އިތުރަށް ތަރައްގީކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ