އެމްއެންޔޫއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތާއެކު، ލައިބްރަރީ ދުވަސް ފާހަގަކުރަނީ
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން މި އަހަރު ވެސް ޔުނިވާސިޓީގެ އަހަރީ ދުވަހާ ގުޅުވައިގެން ތަފާތު ހަރަކާތްތަކަކާއެކު ލައިބްރަރީ ދުވަސް ފާހަގަކުރަން ތައްޔާރުވެއްޖެއެވެ. އެމްއެންޔޫއިން ބުނެފައިވާ ގޮތުން އަންނަ ހޯމަ ދުވަހަށްވާ، ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރާ ލައިބްރަރީ ދުވަހުގެ ބޭނުމަކީ، ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ތަޢުލީމީ ހަޔާތުގައި ލައިބްރަރީ އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމާއި، އާންމު ރައްޔިތުންގެ ބައިވެރިވުމާއެކު ފޮތްކިޔުމަށް ހިތްވަރުދިނުމެވެ. އެމްއެންޔޫއިން ހާމަކުރާ ގޮތުގައި، މި އަހަރުގެ ލައިބްރަރީ ދުވަހުގެ ތީމްއަކީ "ރެޓްރޯ ތީމް" އެވެ. މި ތީމްގެ ދަށުން 1970، 1980 އަދި 1990ގެ އަހަރުތަކުގެ ހަނދާންތައް އައުކޮށްދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި: އެޒަމާނުގެ ލަވަތަކުގެ ރާގު ދެނެގަތުން: 1970 އަދި 1980ގެ ދިވެހި، ހިންދީ އަދި އިނގިރޭސި ލަވަތަކުގެ ރާގު އިއްވުމުން އެއީ ކޮން ލަވައެއްކަން ބުނެ ދިނުން ރެޓްރޯ ފޮޓޯ ބޫތު: އެ ޒަމާނުގެ ސާމާނު ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ފޮޓޯ ބޫތެއްގައި ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުން ސްނޭކް އެންޑް ލެޑާ: ދިވެހިން 'ހަރުފަ ކާލާ' ކިޔާ މި ގޭމަކީ އެ ޒަމާނުގައި އެންމެ ފޯރީގައި ކުޅެ އުޅުނު ކުޅިވަރަކަށް ވާތީ އެ ކުޅިވަރު ތަޖުރިބާ ކޮށްލުމަށް ފުރުސަތު ހޯދައިދިނުން ހަނދާން އެބަހުރިތަ: ކުރީ ޒަމާނުގައި ބޭނުންކުރި ތަކެތީގެ ތަސްވީރު ދެއްކުމުން އޭގެ ނަން ބުނެދިނުން. މިގޮތުން ދިވެހިން އާންމުކޮށް އެ ޒަމާނުގައި ބޭނުންކުރި ތަކެތީގެ ތެރެއިން މިހާރަކަށް އައިސް ނުފެންނަ ތަކެތީގެ ތަސްވީރުގެ އެހީގައި ނަން ދަސްކުރުން ކުލަ ފުޅި ތަރުތީބު ކުރުން: ފޮރުވިފައިވާ ކުލަފުޅި ސެޓަކާ އެއްގޮތަށް ކުލަފުޅި ތަރުތީބު ކުރުން ކެރަމް ބޯޑު ކުޅުން: މިއީވެސް ކުރީ ޒަމާނުގައި ވަރަށް މަޝްހޫރުވެގެން ގިނަ ބަޔަކު ކުޅެ އުޅުނު ކުޅިވަރަކަށް ވާތީ އެކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުން މި ހަރަކާތްތަކުގައި ޔުނިވާސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ އިތުރުން އާއިލާގެ އެންމެންނަށްވެސް ބައިވެރިވެވޭނެކަމަށް އެމްއެންޔޫއިން ބުނެއެވެ. މީގެ އިތުރުން، ލައިބްރަރީ ދުވަހާ ގުޅުވައިގެން، މާދަމައިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް "ބުކް ޑޮނޭޝަން ހަފުތާ" އެއްވެސް ކުރިއަށްގެންދާނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ. އެ ހަފުތާގެ މަގުސަދަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ލައިބްރަރީ އިތުރަށް ތަޢާރަފުކޮށްދީ، ލައިބްރަރީގެ ތަރައްގީއަށް މަސައްކަތް ކުރުމެވެ. ފޮތް ހަދިޔާކުރުމުގެ މި ހަރަކާތް ކުރިއަށްދާނީ އެމްއެންޔޫ ސެންޓްރަލް، ހެލްތު ސައިންސަސް، ބިޒްނަސް ސްޓަޑީޒް، ކުޅުދުއްފުށީ، ތިނަދޫ އަދި ހިތަދޫ ކެމްޕަސް ލައިބްރަރީތަކުގައެވެ. އެ ހަރަކާތުގައި އެކެޑެމިކް ފޮތްތަކާއި، ރިސާޗްތަކާއި، ދިވެހި އަދި އިނގިރޭސި ވާހަކަފޮތްތައް ހަދިޔާކުރެވޭނެއެވެ. އަދި އެފަދަ ފޮތް ހޯދުމަށް ފައިސާގެ އެހީތެރިކަން ދިނުމަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ޔުނިވާސިޓީން ބުނެއެވެ. އެމްއެންޔޫއިން ބުނީ މި ހަފުތާގައި ލިޔުންތެރިންގެ ތަޖުރިބާ ހިއްސާކުރުމާއި، ގޭގޭއަށްގޮސް ފޮތް ހޯދުން ފަދަ ކަންކަންވެސް ކުރިއަށްގެންދާނެ ކަމަށެވެ. މިއީ އާންމު ރައްޔިތުންނަށްވެސް ފޮތް ހަދިޔާކުރެވޭނެ ފުރުސަތެއްކަން އެ ޔުނިވާސިޓީން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ