ގައުމަށް އަސަރުކުރާނެ ކަމަށް ވިދާޅުވެ، މީޑިއާ ބިލު ތަސްދީގުނުކުރަން ނަޝީދު ގޮވާލައްވައިފި

މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބިދޭ ބިލު ފާސްކޮށްފި ނަމަ އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށްކުރާނެ ކަމަށް ވިދާޅުވެެ، ބިލު ތަސްދީގު ނުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ. ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު އިއްޔެ، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބަލައިގަނެފައެވެ. އަދި, އެ ބިލުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފަށަން ވަނީ ތާވަލުކޮށްފައެވެ. ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އިސް ދައުރެއް އަދާކުރައްވައި، ނޫސްވެރިކަން ވެސް ކުރެއްވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލިޔުންތެރިޔެއްގެ ހައިސިއްޔަތުންނާއި ޚިޔާލު ފާޅުކުރެއްވުމުގެ ސަބަބުން ޖަލަށް ވަޑައިގަންނަވަން ޖެހުނު ބޭފުޅެއްގެ ހައިސިއްޔަތުން މީޑިއާ ބިލާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ. https://x.com/MohamedNasheed/status/1960900478369456198 އެ މަނިކުފާނު ވިދާޅުވީ, ސަރުކާރުން ޚިޔާލު ފާޅުކުރުން ހަނިކުރުމުން މުޅި ގައުމުގެ މިނިވަންކަމާއި ކުރިއެރުމަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އެހެންވެ، ބިލު ތަސްދީގު ނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި އާދޭހާއެކު އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. ނޫސްވެރިކަމުގެ ތެރެއިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތް ނަޝީދުގެ އިސްލާހީ މަސައްކަތްތަކުގެ ސަބަބުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަލުގައި އެތައް ދުވަހެއް ހޭދަ ކުރައްވަން ޖެހި، ބޮޑެތި އަނިޔާތަކާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. މި ސަރުކާރު އިންތިޚާބުވި ފަހުން ނަޝީދު ވަނީ ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގެންކަން އިއުލާންކުރައްވައިފައެވެ. ނަމަވެސް، ސަރުކާރުގެ ފުރަތަމަކޮޅު މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއިދުކުރައްވައި ވާހަކަދައްކަވައިފައިވެއެވެ. އެއަށް ފަހު މިދިޔަ ޖޫން މަހު ނަޝީދު ވަނީ އަނެއްކާ ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟ މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ