ފަލާހް ނޫސްވެރިން މަރަން ގޮވާލުން: ރައީސް ވިދާޅުވީ "އަޅުގަނޑު އެކަން ބަލާނަން"

ބައެއް ނޫސްވެރިންވީ 'އުލުބައިންދަން' ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް ގޮވާލެއްވި މައްސަލަ 'ބަލާނެ' ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މީޑިއާ ކޮންޓްރޯލްކުރާ ބިލަށް ބަހުސްކުރައްވަމުން ފަލާހް ވަނީ 'ނޫސްވެރިން އުލުބައިންދަންވީ' [އަނިޔާވެރި ގޮތުގައި މަރުގެ އަދަބު ދޭންޖެހޭ] ކަމަށް ވިދާޅުވެފައެވެ. އެ މައްސަލަ ވަނީ ފުލުހަށް ވެސް ނޫސްވެރިންގެ ޖަމިއްޔާގެ ފަރާތުން ހުށަހަޅާފައެވެ. ނޫސްވެރިން މިއަދު ވެސް ވަނީ 'މީޑިއާ ކޮންޓްރޯލް' ބިލާ ގުޅިގެން އިހުތިޖާޖުކުރަން ރައީސް އޮފީސް ސަރަހައްދަށް އެއްވެފައެވެ. އޮފީސް ނިންމަވައި ރައީސް ގެއަށް ވަޑައިގެން ވަގުތު ނޫސްވެރިން ވަނީ ރައީސް ގެކޮޅަށް ވަދެވަޑައިގަންނަވަންދެން ސުވާލުކުރަމުން ފަހަތުން ގޮސްފައެވެ. https://sun.mv/210573 ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން ތަކުރާރުކޮށް އެތައް ނޫސްވެރިންނެއް ސުވާލުކުރުމުން ރައީސް ވިދާޅުވީ، 'އަޅުގަނޑު އެކަން ބަލާނަން' ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ނޫސްވެރިންގެ ޖަމިއްޔާގެ މެންބަރުންނާ ބައްދަލުކުރެއްވިއިރު ވެސް ފަލާހް ދެއްކެވީ 'ވަރަށް ދެރަވަރު' ވާހަކަފުޅެއް ކަމަށް ރައީސް ވިދާޅުވި ކަމަށް ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ވަނީ ބުނެފައެވެ. ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ. އެ ޖަމިއްޔާއިންވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން އެދިފައެވެ. https://sun.mv/210562 ފަލާހުގެ ވާހަކަ ނޫސްވެރިންނާއި ގިނަ ބަޔަކު ކުށްވެރިކުރަމުން އަންނައިރު، އެ ވާހަކަ ކުށްވެރިކުރި މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި އިބްރާހިމް ސައީދު (ކޭޑް) މިއަދު ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. ނޫސްވެރިންނާ ގުޅޭ ގޮތުން ފަލާހް އެ ފަދައިން ވާހަކަދެއްކެވީ އޭނާއާ ބެހޭ ގޮތުން 'ވައްތަރު މީހެއްގެ' ފޮޓޯ ބޭނުންކޮށްގެން އެއްޖިންސުން ގުޅުން ހިންގާ ކަމަށް މީޑިއާތަކުގައި ޚަބަރު ފެތުރިކަމަށް ބުނެއެވެ. އެކަމަކު، އެއީ މީގެ ކުރިން މީސްމީޑިއާގައި އާންމު ވީޑިއޯއެކެވެ. އެ ވާހަކަ އެއްވެސް ނޫހެއްގައި ރިޕޯޓުކުރި ކަމެއް އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ