ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ބާތިލްކޮށްދިނުމަށް އެދި ކޯޓަށް!

މި އަހަރު ސެޕްޓެމްބަރު ހަތެއްގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އިންތިހާބަކީ ބާތިލް އިންތިާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ. ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ ޕްރައިމަރީގައި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރަށް ޕްރައިމަރީގައި ތާއީދުކުރެއްވި ރަހުމާ މޫސާ އެވެ. އޭނާ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މިދިޔަ މަހުގެ 30 ގައި ޕީޕީއެމުން ބޭއްވި ޕްރައިމަރީ އިންތިހާބުގައި އެ ޕާޓީގެ ދަފްތަރުގައި ހިމެނިފައި ނުވާ 8،915 މީހުންނަށް ވޯޓުލެވޭގޮތަށް ނިންމައި ފުރުސަތުދީފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެއީ ޕީޕީއެމްގެ އާއްމު މެމްބަރުންގެ ހައްގަށް އުނިކަން ލިބި ހައްގު ގެއްލިފައިވާ މައްސަލައެއް ކަމަށް ވެސް އޭނާ ހުށަހެޅި ދައުވާގައިވެ އެވެ. އެ މައްސަލާގައި ބުނެފައި ވަނީ އިލެކްޝަނުން ބަލަހައްޓާ ޕީޕީއެމުގެ ދަފްތަރުގައި މާޗް 10 އާ ހަމައަށް ރަޖިސްޓްރީކޮށްފައި ވަނީ 22،383 މެމްބަރުން ކަމަށެވެ. އެހެން ނަމަވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގޮތުގައި ޕާޓީގެ ރަޖިސްޓްރާ ނެރުއްވި ލިސްޓުގައި 31،298 މެމްބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ދީފައިވާ ކަމަށް ދައުވާގައި ބުނެފައި ވެ އެވެ. ޕީޕީއެމުން ކުރިން ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީގައި ނުހިމެނުނު ނަމަވެސް މާޗް 10 އާ ހަމައަށް އެ ޕާޓީ އަށް ސޮއިކޮށްފައިވާ މީހުންނަށް ވޯޓު ލެވޭނެ ކަމަށެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޕްރައިމަރީގައި ޕީޕީއެމްގެ މެމްބަރުން ނޫން އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެއީ ޕާޓީގެ މެމްބަރުންގެ ހައްގަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށް އެ ދައުވާގައި ބުނެފައި ވެ އެވެ. ރަހުމާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޕްރައިމަރީގައި ވޯޓު ލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމުގައި އަމަލުކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ އިންތިހާބު ބާތިލްކޮށްދޭން އެދިފައިވެ އެވެ. އުމަރު ނަސީރަށް ތާއީދުކުރާ މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ޕްރައިމަރީގައި ވޯޓު އޮޅުވާލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި މައްސަލަ ސުލޫކީ ކޮމެޓީން ބެލުމަށް ފަހު، އެ ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއަށް ވަނުމަށް ހަފުތާގެ މުއްދަތު ވަނީ ދީފަ އެވެ. އެ މުއްދަތުގައި އުމަރު އިސްލާހު ނުވެއްޖެ ނަމަ އޭނާ ޕާޓީން ވަކިކުރުމަށް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ