އެމެރިކާގެ ޚާރިޖީ ވުޒާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ކަރަންޓް ކެނޑިއްޖެ
ވޮޝިންޓަން (އެޕްރީލް 8) - އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގެ މުހިންމު ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓު ކެނޑުނު އިރު އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ތަނަކީ ޚާރިޖީ ވުޒާރާ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ކަރަންޓް ދިޔަ އިރު ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދަނީ އެވެ. ނަމަވެސް ބައްދަލުވުން މެދުކަނޑާ ނުލައްވާ ތަރުޖަމާން ގަސްދު ކުރެއްވީ އޭނާ އިއްވަވަމުން ގެންދެވި ބަޔާން ކުރިއަށް ގެންދިއުމަށެވެ. ބަޔާން އޭނާ ކުރިއަށް ގެންދެވީ މޯބައިލް ފޯނުގައިވާ ލައިޓް ދިއްލައިގެންނެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ޖެފް ރަތުކާ ވިދާޅުވީ ކަރަންޓް ދިޔަ ނަމަވެސް ޚާރިޖިއްޔާގެ އެހެން މަސައްކަތްތަކަށް ދަތި ނުވާ ކަމަށެވެ. ކަރަންޓް ކެނޑުމުގެ އަސަރު ވަނީ ސްޓޭޓް ޑިޕާޓްމަންޓުގެ އިތުރުން ވައިޓް ހައުސް އާއި ޕާލަމެންޓް އިމާރާތަށް ވެސް ކޮށްފަ އެވެ. ނަމަވެސް ކަރަންޓް ދިޔައީ ކުޑަ ވަގުތުކޮޅަކަށް ކަމަށްވުމުން މާބޮޑު އުނދަގޫތަކެއް ކުރިމައްޗެއް ނުވެ އެވެ. ވޮޝިންޓަން ހިމެނޭ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދޭ ޕެޕްކޯ އިން ބުނީ ކަރަންޓް ދިޔައީ ޓްރާންމިޝަން ލައިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ވައިޓްހައުސްގެ ތަރުޖަމާން ޖޯން އާނެސްޓް ވިދާޅުވީ ކަރަންޓް ދިޔަައީ ގަސްދުގައި ބަޔަކު ކުރިކަމަކުންކަން އަދި ނުބުނެވޭނެ ކަމަށެވެ. އަދި އެކަމުގައި ނުރައްކާ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެެމެރިކާގެ ހޯމްލޭންޑް ސިކިއުރިޓީ ޑިޕާޓްމަންޓް ވެސް ބުނެފައި ވަނީ ކަރަންޓް ދިޔަ މައްސަލަ ބަަލަމުން އަންނަ ކަމަށާއި އެކަމުގެ ފަހަތުގައި ނުރައްކާތެރި ރޭވުމެއްވާ ކަމަށް އަދި ގަބޫލް ނުކުރެވޭ ކަމަށެވެ. ބައެއް މެޓްރޯ ސްޓޭޝަންތަކުން ވެސް ވަނީ ކަރަންޓް ކެނޑިފަ އެވެ. ނަމަވެސް އިމަޖެންސީ ލައިޓް ވަނީ އެތަންތަނުގައި ބޭނުންކޮށްފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ