ގާޒާ ފަންޑްގެ ފައިސާ މިރޭ ހަވާލުކުރަނީ

އިޒްރޭލުން ފަލަސްތީނުގައި ހިންގި އުދުވާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހިން ހަދިޔާކުރި ފައިސާ ގަތަރު ރެޑް ކްރެސެންޓާ މިރޭ ހަވާލުކުރުމަށް ނިންމައިފި އެވެ. ހެލްޕް ގާޒާ ސްޓިއަރިން ކޮމެޓީން ބުނީ ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ މިރޭ 9:45ގައި ޓީވީއެމްގެ ސްޓޫޑިއޯގައި ކަމަށެވެ. މި ފައިސާއާ ހަވާލުވުމަށް ގަތަރު ރެޑް ކްރެސެންޓުގެ ރައީސް ޑރ. މުހައްމަދު ބިން ޣާނިމް އަލް މާދީދް އިއްޔެ ވަނީ މާލެ ވަޑައިގެންފި އެވެ. އަދާލަތު ޕާޓީން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ގާޒާ ފަންޑު މޯލްޑިވްސް އަށް ލިބުނު 6.3 މިލިއަން ރުފިޔާ އާއި މީޑިއާ އިން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 22.7 މިލިއަން ރުފިޔާއާ އެކު ޖުމްލަ 29 މިލިއަން ރުފިޔާ (1.88 މިލިއަން ޑޮލަރު) ގާޒާ ފަންޑަށް ވަނީ ލިބިފަ އެވެ. އެ ފައިސާ ގާޒާ އަށް ހަދިޔާކުރަން ނިންމާފައި ވަނީ ގަތަރު ރެޑް ކްރެސެންޓް މެދުވެރިކޮށެވެ. ހެލްޕް ގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމެޓީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ފައިސާ ރެޑް ކްރެސެންޓާ ހަވާލުކުރާ އިރު ފައިސާ ހަރަދުކުރާނެ ގޮތުގެ އެއްބަސްވުމެއްގައި އެ ޖަމާއަތާއި ހެލްޕް ގާޒާ ސްޓިއަރިން ކޮމެޓީ އަދި ގާޒާ ފަންޑު މޯލްޑިވްސް އިން ސޮއިކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. "އެ ފައިސާ އިން ހަރަދުކުރުމަށް ތިން ފަރާތުން އެއްބަސްވާ ގޮތަކީ ގާޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި ބޭސް ފަރުވާ އާއި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ،" ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ބުނީ ގާޒާގައި ހާލުގައި ޖެހިފައިވާ މީހުން ނޫން ބަޔަކަށް އެ ފައިސާ އިން ހަރަދުނުކުރެވޭނެ ކަމަށާއި އެ ފައިސާއަކީ ގާޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ހަދިޔާކުރި އެއްޗެއް ކަން އެނގޭ ގޮތަށް ދިވެހި ދިދަ ނޫނީ ނިޝާން، އެ ފައިސާ އިން ގަންނަ ތަކެތީގައި ޖަހަން ގަތަރު ރެޑް ކްރެސެންޓުން އެއްބަސްވާން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ