މާފަރުގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރޭ: އަލީ ވަހީދު

ނ. މާފަރަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ސަރުކާރުގެ އިހްލާސްތެރިކަން އެބަހުރިކަން ކޮމިޓީ އަށް ވަޑައިގެންނެވި މިނިސްޓަރުންގެ ވާހަކައިން ގަބޫލުކުރެއްވޭ ކަމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އެކަށީގެންވާ މިންވަރަށް އަސާސީ ހިދުމަތްތައް ނެތް ކަމަށް ބުނެ ޑިސެމްބަރު 30 އިން ފެށިގެން މާފަރުގައި މުޒާހަރާތީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އެ ރަށުގެ މައްސަތައް ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، މައްސަލަތައް ގޯސްވެފައިވަނީ އެ ކަންކަން މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވިފައި ނެތުމުން ކަމަށެވެ. މާފަރުގައި މުޒާހަރާކުރާ މައިގަނޑު ސަބަބަކީ އެ ރަށުގައި އެއާޕޯޓެއް ހެދުމަށް 2008 ގައި ބަޔަކާ ހަވާލުކޮށްފައި އޮތަސް، އެ މަސައްކަތް ނުފެށި އޮތުމުންނެވެ. މާފަރު އެއާޕޯޓް ތަރައްގީކުރުމަށް ހަވާލުކުރި ނޫނު ހޮޓެލްސްއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާއިރު، އެއާޕޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާނެ ބަޔަކު އަލުން ހޯދަން އިއުލާން ކުރާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރުކަމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވި އެވެ. އެ އެއާޕޯޓް ތަރައްގީކުރުމަށް ހަވާލުކުރަން ނިންމާފައިވަނީ މާފަރުގެ ބަނދަރާއި ނަރުދަމާ އަޅައިދޭނެ ބަޔަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުޒާހަރާއާ ގުޅިގެން މާފަރު ސްކޫލް ބަންދުކޮށްފައިވަނީ ސްކޫލްގެ އަސާސީ ހިދުމަތްތައް ލިބެން ނެތުމުން ކަމަށް އެ ރަށުގެ ކައުންސިލުން ބުނާއިރު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު ވިދާޅުވި ގޮތުގައި މާފަރު ސްކޫލުގެ ތަރައްގީ އަށް ހޭދަތައްކޮށްފައި އެބަހުއްޓެވެ. އަދި މި އަހަރަށް ވެސް ބައެއް ކަންކަން ރާވާފައިވެ އެވެ. މިދިޔަ އަހަރު މާފަރު ސްކޫލަށް ހަތަރު ކޮމްޕިއުޓަރު ސިސްޓަމާއި ފޮޓޯކޮޕީ މެޝިނަކާއި އެހެނިހެން ސާމާނު ފޮނުވާފައިވާއިރު، ކުޑަދޮރުތައް ވެސް މަރާމާތުކޮށްދިން ކަމަށް ޑރ. އާސިމް ވިދާޅުވި އެވެ. މާފަރު ބޯޅަދަނޑު އޮންނަނީ ސްކޫލާ އިންވެގެން ކަމަށްވާތީ، ބޯޅަދަނޑާ ވީ ފަރާތުގައި ދާ ޖެހުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި 150،000ރ. ހިމެނިފައިވާ ކަމަށް ވެސް ޑރ. އާސިމް ވިދާޅުވި އެވެ. ބަޖެޓްގައި ހިމެނިފައި ނެތް ނަމަވެސް އާ ފާހާނާ ބަރިއެއް ހެދުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މާފަރު ސްކޫލާ ކުނިގޮނޑާ ކައިރީގައި އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެކަން ހައްލުކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ޑރ. އާސިމް ވިދާޅުވި އެވެ. މި މައުލޫމާތު މާފަރު ކައުންސިލްގެ ކުރިން ވެސް ދެއްވި ކަމަށާއި ސްކޫލް ހުޅުވަން އެންގެވި ނަމަވެސް އަދިވެސް ސްކޫލް ނުހުޅުވާ ހުރުމުން ހިތާމަކުރައްވާ ކަމަށް ކަމަށް ޑރ. އާސިމް ވިދާޅުވި އެވެ. މާފަރު ސްކޫލް ހުޅުވުމަށް މިނިސްޓަރާއި ކޮމިޓީގެ މެމްބަރު މިއަދު ވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް މާފަރު ކައުންސިލްގެ މެމްބަރުން ސްކޫލް ހުޅުވާނެ ކަމުގެ ޔަގީންކަމެއް ނުދެއްވަ އެވެ. މާފަރު ކައުންސިލްގެ މެމްބަރު އަންވަރު އަބްދުލްޣަނީ ވިދާޅުވީ ސްކޫލް ބަންދުކުރީ އެއާޕޯޓާ ގުޅިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލްގެ ތަރައްގީއާ ގުޅޭ ގޮތުން މިއަދު ކޮމިޓީގައި ދެއްކެވި ވާހަކަ ރަށުގެ ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ