ނޭކުރެންދު އާއި ކާށިދޫ ޖަލުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ: އުމަރު
ހދ. ނޭކުރެންދު އާއި ކ. ކާށިދޫގައި ހަދަން ނިންމާފައިވާ ލުއި ޖަލުތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ. "ޗެނަލް 13" ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ދެ ރަށުގައި ވެސް ޖަލު ހަދަން ބޭނުންވާ ބިންތައްް ހަމަޖެހި، މަސައްކަތް ފަށައި ގަތުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ވެސް އެ ދެ ޖަލު ހަދަން ބޭނުންވާ ފައިސާ ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ. ކާށިދޫގައި ޖަލު ހަދަން ބޭނުންވާ ތަކެތި ވެސް އަންނަ އަހަރުގެ ކުރީކޮޅު އެ ރަށަށް ޖަމާކޮށް، މަސައްކަތް ފަށައި ގަނެވޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ކާށިދޫގައި ހަދަނީ 600 މީހުންގެ ޖާގައިގެ ޖަލެކެވެ. ނޭކުރެންދޫގައި ލުއި ޖަލެއް އެޅުމަށް އެ ރަށުން ވަނީ 21 ހެކްޓަރުގެ ބިމެއް ހަމަޖައްސައިފަ އެވެ. އުމަރު ވިދާޅުވީ އެ ދެ ޖަލުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން މާފުށި ޖަލަށް ލުއިތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން މާފުށީ ޖަލުގައި އޭރުން ތިބޭނީ މިހާރު އެ ޖަލުގައި ތިބި ކުށްވެރިންގެ ދެބައިކުޅަ އެއްބައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުގައި ކާށިދު އާއި ނޭކުރެންދޫ ޖަލު ބޭނުންކުރަން ފެށުމުން އެ ދެ ތަނުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ވެސް ހުޅުވޭނެ އެވެ. ނޭކުރެންދު އާއި ކާށިދޫ ޖަލު ނިމި ބޭނުން ކުރަން ފެށޭނެ ދުވަހެއް އުމަރު ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ