އަޅުގަނޑު ބަންދުކުރުމުގެ ޒިންމާ ނަންގަވަން ޖެހޭނީ އޭރުގެ ރައީސް: އަބްދުﷲ ގާޒީ

ސިފައިން 2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކޮށްގެން ގެންގޮސް ކ. ގިރިފުށީގައި ބަންދުކުރުމަކީ އޭރުގެ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މުހައްމަދު ނަޝީދު ހިންގެވި ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގައި އަބްދުﷲ ގާޒީ މިރޭ ހެކިބަސް ދެއްވައިފި އެވެ. ޝަރީއަތުގައި ނަޝީދާއި އަބްދުﷲ ގާޒީ ފުރަތަމަ ފަހަރަށް އެއްތަންވި އިރު ގާޒީ ވިދާޅުވީ އޭނާ ބަންދުކުރުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމަށެވެ. އެކަމަކު ނަޝީދުގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އަބްދުﷲ ގާޒީ ވިދާޅުވީ އެ ގޮތަށް ގަބޫލުކުރައްވަނީ، ގިރިފުށީގައި ހުންނެވިއިރު ދައުލަތުގެ މަތީ ފެންވަރުގެ ބޭފުޅުން އޭނާއާ ބައްދަލު ކުރައްވައި، އޭނާ ދޫކޮށްލުމުގައި އެ ބޭފުޅުންގެ ބާރެއް ނެތް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައިވާތީ ކަމަށެވެ. އޭރުގެ ޑިފެންސް މިނިސްޓަރާއި ޔޫތު މިނިސްޓަރާއި އެ ނޫން ވެސް ބައެއް އިސް ބޭފުޅުން އޭނާއާ ބައްދަލުކުރެއްވި ކަން ގާޒީ ފާހަގަކުރެއްވި އެވެ. އޭނާ ބަންދުކޮށްފައި ބެހެއްޓެވީ ނަޝީދު ކަމަށް ގިރިފުއްޓަށް ވަޑައިގެންނެވި ދައުލަތުގެ އެއްވެސް އިސްވެރިޔަކު ވިދާޅުވިތޯ ބެންޗުގެ އިސް ގާޒީ އަބްދުﷲ ދީދީ އެއްސެވުމުން އަބްދުﷲ ގާޒީ ވިދާޅުވީ ސީދާ އެ އިބާރާތުން އެ ބޭފުޅުން އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން ކުރެއްވީ ސިފައިންގެ އޭރު އެންމެ މަތީވެރިޔާ ކަމަށް، އެ ބޭފުޅުންގެ ވާހަކަތަކަށް ބަލާ އިރު، ގަބޫލުކުރެއްވޭ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ. މިރޭގެ ޝަރީއަތަށް ފަހު ނަޝީދު ޖަސްޓިސް ބިލްޑިން އިން ނުކުމެވަޑައިގަންނަވަނީ.--ހަވީރު ފޮޓޯ: ނިޝާން އަލީ ގާޒީ ވިދާޅުވިގޮތުގައި ސިފައިންގެ ޔުނިފޯމުގައި ތިބި ބަޔަކު އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ އެ ރޭ އޮފީހުން ގެއަށް ވަޑައިގެން، ފަރިއްކުޅުއްވަން އިންނަވަނިކޮށެވެ. ނަމަވެސް ސިފައިންގެ ޔުނީފޯމްގައި ތިބި އެ މީހުންނަކީ ސިފައިން ކަމެއް ސީދާ އެނގިވަޑައިނުގަންނަވާ ކަމަށާއި ހައްޔަރުކޮށްގެން ގެންގޮސް ބެހެއްޓީ ސިފައިންގެ ތަމްރީންތަކަށް ބޭނުންކުރާ ގިރިފުށީގައި ކަން އެނގިވަޑައިގެންނެވީ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހައްޔަރުކޮށްގެން ގެންދަނީ ކީއްވެގެންކަން އޭރު އެނގިވަޑައިގެންނެވިތޯ ގާޒީ ދީދީ ސުވާލު ކުރެއްވުމުން އަބްދުﷲ ގާޒީ ވިދާޅުވީ މިހާތަނަށް ވެސް އޭގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭރު ވެސް ތަކުރާރުކޮށް ސުވާލުކުރުމުން ވެސް، ހައްޔަރުކޮށްގެން ގެންދިޔަ މީހުން، އެ ސަބަބެއް ބުނެދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ވިދާޅުވި ގިރިފުށީގައި ހުރި އިމާރާތެއްގައި އޭނާ ބެހެއްޓި ދުވަސްތަކުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައި ނުވާއިރު އަސާސީ އެތައް ހައްގެއް ގެއްލުނު ކަމަށެވެ. އަދި އޭނާ ބަންދުން ދޫވާން އޮތީ ގާޒީކަން ދޫކޮށްލެއްވުން ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުން ފަދަ ކަމެއް އިހްތިޔާރު ކުރުމުން ކަން ސަރުކާރުގެ އިސް ބޭފުޅުންގެ ފަރާތުން އެނގިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ. އަބްދުﷲ ގާޒީގެ ހެކިބަސް ނެގުން ފިޔަވައި އިތުރު ކަމެއް މިރޭގެ އަޑުއެހުމުގައި ކުރިއަކަށް ނުގެންދެ އެވެ. މިރޭގެ ޝަރީއަތުގައި ހެކި ބަސް ދެއްވުމަށް އަބްދުﷲ ގާޒީ ކޯޓަށް ވަދެވަޑައިގަންނަވަނީ.--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ގާތްގަނޑަކަށް 15 މިނިޓްގެ އަޑުއެހުން ނިންމަވާލެއްވުމުގެ ކުރިން ގާޒީ ދީދީ ވަނީ އަބްދުﷲ ގާޒީއާ ސުވާލުކުރުމުގެ ފުރުސަތު ދައުލަތަށާއި ނަޝީދަށް ދެއްވާފަ އެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ސުވާލެއް ނެތް ކަމަށް ސީނިއާ ޕަބްލިކް ޕޮރިސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވިއިރު ނަޝީދު ހަމައެކަނި ވިދާޅުވީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. ހެކިބަސް ދެއްވުމަށް ފަހު އަބްދުﷲ ގާޒީ ނުކުމެވަޑައިގެންނެވި ވަގުތު ނަޝީދު ވަނީ ގާޒީ އަށް އިހްތިރާމް އަދާކުރެއްވުމުގެ ގޮތުން ކުޑަކޮށް ގޮނޑިން ތެދުވެވެޑައިގެން ހިނިތުންވެވަޑައިގެންފަ އެވެ. އަދި އަބްދުﷲ ގާޒީ ވެސް ނަޝީދުގެ މޫނަށް ބައްލަވާލައްވައި ހިނިތުންވެވަޑައިގެންނެވި އެވެ. ފަށަން އޮތް ގަޑީގެ ބައިގަޑިއިރު ފަހުން ފެށި ޝަރީއަތުގައި ނަޝީދު ވަނީ އެ މަނިކުފާނުގެ ވަކީލުން އެ މައްސަލަ ދޫކޮށްލާފައި ވާތީ އެހެން ވަކީލަކު ހޯދުމުގެ ފުރުސަތަށް އެދިވަޑައިގެންފަ އެވެ. އަދި ވަކީލަކު ހަމަޖައްސަވަން 10 ދުވަސް ދޭން އެދިވަޑައިގެންނެވި އެވެ. ނަމަވެސް ގާޒީ ދީދީ ވިދާޅުވީ އެހެން މީހުންނެކޭ އެއްގޮތަށް ނަޝީދަށް ވެސް ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދެއްވާފައިވާނެ ކަމަށާއި އެ ފުރުސަތު ނުދޭ ކަމަށް ތަކުރާރުކޮށް ވިދާޅުވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ނަޝީދު ވަކީލަކު ހަމަޖެއްސެވުމަށް ކުރަން ޖެހޭ މަސައްކަތް ފުލުހުން ކޮށްދޭކަން އަންގައި ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ. ގާޒީގެ އެ ވާހަކަތަކަށް ފަހު ވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ޖަލުގައި ހުންނަވައިގެން ވަކީލަކު ހަމަޖެއްސުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެކަމަށް އެކަށީގެންވާ ވަގުތު ބޭނުންފުޅުވާ ކަމަށެވެ. މިރޭގެ ޝަރީއަތަށް ފަހު ފުލުހުންގެ ވެހިކަލެއްގައި ނަޝީދު ގެންދަނީ.--ހަވީރު ފޮޓޯ: ނިޝާން އަލީ ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރިގޮތުގައި މި މައްސަލައިގެ ޝަރީއަތެއް ދެން ބާއްވާނީ ހުކުރުދުވަހު އެވެ. އެ ދުވަހު އޮންނާނީ ހުށަހަޅާފައިވާ ހެކިތަކަށް ދެ ފަރާތުން ރައްދުދިނުމާއި ހުލާސާ ބަޔާން އިއްވުން ކަމަށް ގާޒީ ދީދީ ވިދާޅުވި އެވެ. އެެހެންކަމުން، އެ ދުވަހު އޮންނާނީ، ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން ބާއްވާ އެންމެ ފަހު އަޑުއެހުން ކަމަށް ބެލެވެ އެވެ. މިރޭގެ ޝަރީއަތަށް އަބްދުﷲ ގާޒީ ކޯޓަށް ވަދެވަޑައިގަންނަވަނީ.--ހަވީރު ފޮޓޯ: ނިޝާން އަލީ ޝަރީއަތްތަކުގެ އާއްމު އުސޫލުން ގާޒީ ދީދީ ވަނީ ޝަރީއަތުގެ މަޖިލީހަށް އަބްދުﷲ ގާޒީ ވަޑައިގެންނެވުމުން ދޮގު ހެކިބަސް ނުދިނުމަށާއި ތެދު ބަހުން ވާހަކަ ދެއްކެވުމަށް ނަސޭހަތްތެރިވަޑައިގެންފަ އެވެ. އަދި އެހެން ހެކިވެރިންނެކޭ އެއްގޮތަށް، އަބްދުﷲ ގާޒީ ވެސް، ތެދުބަހުން ވާހަކަދެއްކެވުމަށް ﷲ ހެކިކޮށް ހަތިމްގައި އަތްލައި ހުވާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ