ޓެކްސް އިތުރުވެ، އިމްޕޯޓް ޑިއުޓީ ބޮޑުވުމުން ވިސްނަންޖެހޭ: ގާސިމް
އެކިއެކި ޓެކްސްތައް އިތުރުވެ، އިމްޕޯޓް ޑިއުޓީ ބޮޑުވުމުން، ހިދުމަތުގެ އަގު ބޮޑުވެ، ހިދުމަތްތައް ވިއްކަން ޖެހޭ އަގު ވަރަށް ބޮޑަށް މަތިވެގެން ހިނގައިދާނެ ކަމަށާއި އެކަމާ މެދު ވަރަށް ބޮޑަށް ބަލަންޖެހޭ ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. އަންނަ އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ދުވާލަކަށް ހަ ޑޮލަރު ނެގުމަށް ސަރުކާރުން ހުށަހެޅި އިސްލާހާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޓެކްސްތައް ނަގައިގެން ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް މަސައްކަތް ކުރާއިރު، އެއިން ކުރާނެ ނޭދެވޭ އަސަރުތައް ހުންނާނެ ކަމަށެވެ. އަދި ޓެކްސްތައް ބޮޑުވެ، ވާދަވެރި މާހައުލެއްގައި ރާއްޖޭގެ ރިސޯޓްތައް ނުވިއްކިއްޖެ ނަމަ ނުވަތަ ޓޫރިސްޓުން ނާންނަ ގޮތްވެއްޖެ ނަމަ ކަންތައް ބޮޑުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ ރާއްޖެ އަށް ލިބޭ އާމްދަނީގެ 80 ޕަސެންޓް ހިއްސާ ކުރަނީ ޓޫރިޒަމް ދާއިރާ އިން ކަމަށް ވާއިރު އެ ދާއިރާ ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. "އެހެންވީމާ އަޅުގަނޑުމެން ލާރި ބޭނުމަސް، ލާރި ނަގަން ވާނީ މިދެންނެވި ގޮތަށް ވިސްނައިގެންނޭ އަޅުގަނޑު ދަންނަވާނީ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގްރީން ޓެކްސް ނަގާއިރު އެއް އުސޫލަކުން އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެއީ ކޮރަޕްޝަން ހުއްޓުވުމަށް ވެސް އެޅޭނެ ރައްކާތެރި ފިޔަވަޅެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިސޯޓްތަކުން ބިމު ކުލި ދައްކަމުން އަންނައިރު ގެސްޓް ހައުސްތަކުން ސަރުކާރަށް އެއްވެސް ކުއްޔެއް ނުދައްކާ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނުނަގަން ސަރުކާރުން ބޭނުންވާއިރު އޭގެ ސަބަބުން ލިބިދާނެ ފައިދާ އާއި ގެއްލުމަށް ވެސް ވިސްނާލަން ޖެހެ އެވެ. "ކޮމިޓީ ލެވެލްގައި މަސައްކަތް ކުރެވޭއިރު އަޅުގަނޑު އެދެން މިކަމަށް ރިއާޔަތް ކޮށްދެއްވުން ހުރިހާ މެމްބަރުން ވެސް. އެއީ އެއް އުސޫލުތަކެއް، ވެވެން އޮތް މިންވަރަކުން އެންމެ މަތީ ދަރަޖައަކަށް ގެންގުޅުމަކީ އެކަމެއްގައި މަސްލަހަތުތައް ހިފެހެއްޓިގެންދާ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރާތީ އެ ވާހަކަ ދަންނަވާލީ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ